ސިފައިންގެ ސްޓާފް ސާޖަންޓެއްގެ ކަމަށްވާ މ. ހަވީރީނާޒު އިރުމަތީބައި، އަބްދުﷲ އަލީ މަގާމުން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑަޅައި އެ މަގާމާ އެއް ފެންވަރެއްގެ ވަޒީފާއެއް ސިފައިންގެއިން ހަމަޖައްސަން ޑިފެންސް މިނިސްޓްރއަށް ލާޒިމުޥާ ގޮތަށް މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ.


އަބްދުﷲ އަލީ ވަޒީފާއިން ވަކިކޮށްފައި ވަނީ ސުލޫކީ މައްސަލަތަކަކާއި ލިޔެކިޔުން ބަދަލު ކުރުމުގެ މައްސަލައެއްގައި ކަމަށާއި އޭނާއަށް އަށް ދެ ފަހަރެއްގެ މަތިން ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ޑިފެންސުން ޝަރީއަތުގައި ބުނެފައި ވެއެވެ.


މަދަނީ ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ ސްޓާފް ސާޖެންޓް އަބްދުﷲ އަލީގެ އަމަލުތައް ހުންނަ ގޮތުން މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ކަމުގައި ބުނެފައިވާއިރު ޒިންމާ އަދާ ނުކުރެވެނީ ކޮންގޮތަކަށް ކަމެއް  ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ ތަފްސީލެއް ޑިފެންސް މިނިސްޓްރީން ޝަރީއަތަށް ހުށަހަޅާފައިވާ ނުވާ ކަމަށެވެ.  ސްޓާފް ސާޖެންޓް އަބްދުﷲ އަލީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ތަހުގީގުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައި ވެއެވެ.


މީހަކު ކަމެއް ކުރުމުގެ ސަބަބުން ނުވަތަ ކަމެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން އެ މީހަކާ މެދު ފިޔަވަޅެއް އަޅާ ނަމަ އެފަދަ ފިޔަވަޅަކީ އަދުލުވެރި އެ މީހަކު ކުރި އަމަލާ އެއްމިނެއްގެ ފިޔަވަޅަކަށް ވާން ޖެހޭކަން އެއީ ދެބަސް ނުވެވޭނެ ޝަރުއީ އަދި ގާނޫނީ އުސޫލެއްކަން ފާހަގަކޮށް 13 މޭ 2008 ދުވަހު  އަބްދުﷲ އަލީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމުގައި ކަނޑައަޅާ ކަމަށް ހުކުމުގައި ވެއެވެ.


އަދި އެއް މަސް ދުވަހުގެ ތެރޭގައި އޭނާހުރި މަގާމާ އެއް ފެންވަރެއްގެ މަގާމެއް އޭނާ އަށް ހަމަޖައްސައިދީ، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ހުކުމް ކުރި ދުވަހާ ހަމައަށް އޭނާ އަށް ލިބޭނެ މުސާރަ އާއި އިނާޔަތްތައް ވެސް އެއް މަސް ދުވަހުގެ ތެރޭގައި ދޭން ފައިސާ ކޯޓަށް ހަވާލުކުރުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.