12 Mar 2013, 13:24
ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބިލް ތަސްދީގު ކުރެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) އިން ގާނޫނުގެ ވެރިކަން ކުރިއަރުވާ އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިލް ކުރާ ކަމަށާއި ނަމަވެސް މިއަދު ތަސްދީގު ކުރި ދެ ބިލުން އެކަން ކަމަށް ހުރަސް އަޅާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ހެއްކެއްގެ ގޮތުން މިހާރު އެކިއެކި ފަރާތްތަކުން އެކަމާ ދެކޮޅު ޚިޔާލްތައް ފާޅުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަކަށް ފެނުނު ގޮތުގައި މި ދެ ބިލްގައި ވެސް ގާނޫނުގެ ވެރިކަން ކުރިއަރުވާ އެންމެންގެ ހައްގުތައް އަދި މިނިވަންކަން ރައްކާތެރި ކުރުމަށް ހުރަސް އަޅާކަންތައްތަކެއް އެބަހުރި. އޭގެ ތަފްސީލް އަޅުގަނޑުި ވާނީ މަޖިލީހަށް ހުށަހަޅާފައި. މި ކަމުގެ ދަލީލެއްގެ ގޮތުން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެކި ފަރާތްތަކުން މިހާރު ޚިޔާލުތަން ފާޅުކުރަމުން ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އިމްތިޔާޒުގެ ބިލް އޮތް ގޮތުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބިލުން ނޫސްވެރިކަމަށް ސީރިއަސް ގޮންޖެހުންތަކެއް ހުރި ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭ) އިން ވަނީ ބުނެފައިވާ އިރު އެ ބިލް އިސްލާހް ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ގޮވާލާފަ އެވެ. އެމްތިޔާޒުގެ ބިލާ އެކު ތަސްދީގު ކުރި ސިޔާސީ ޕާޓީތަކުގެ ބިލާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ)ން ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.
ރައީސް ވިދާޅުވީ މިއަދު މި ވަގުތު އެ މަނިކުފާނު ހުންނެވީ ގާނޫނު އަސާސީގެ 91 ވަނަ މާއްދާ އާ 115 ވަނަ މާއްދާގެ ދޭތެރޭގައި ކުޑަ ތާއްޓެއްގައި ޖެހިވަޑައިގެންފައި ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބު އެ މަނިކުފާނަށް ލަފާ ދެއްވާފައި ވަނީ ވީހާ ވެސް އަވަހަކަށް އެ ބިލް ތަސްދީގު ކުރެއްވުމަށް ކަމަށާއި އެހެންކަމުން މިއަދު އެގޮތަށް އަމަލް ކުރެއްވީ ކަމަށެވެ.
"ގާނޫނު އަސާސީގެ 91 ވަނަ މާއްދާ އާއި 115 ވަނަ މާއްދައިގެ ދޭތެރޭގައި އަޅުގަނޑު މިވަނީ ކުޑަ ތާއްޓެއްގައި ޖެހިފައި،" ރައީސް ވިދާޅުވި އެވެ.