މިއަހަރުގެ ދިރާގު ދިވެހި ލީގުގެ މެޗުތަކުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވޭ ކުޅުންތެރިންނަށް "ހިޓާޗީ މޭން އޮފް ދަ މެޗް"ގެ ނަމުގައި 750 ރުފިޔާއާ އެކު ޓްރޮފީއެއް ދޭން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ނިންމައި އެކަން ސްޕޮންސާކޮށްފި އެވެ.

އެފްއޭއެމުން މިއަދު ބުނީ ދިރާގް ދިވެހި ލީގުގައި ކުޅޭ 71 މެޗުގެ "މޭ އޮފްދަ މެޗް"ގެ މަގާމަށް ހޮވޭ ކުޅުންތެރިން ފައިސާގެ އިނާމަ އެކު ޓްރޮފީއެއް ދޭން އެސްޓިއޯ އިން ނިންމުމުން އެ ކުންފުންޏަށް ވަރަށް ހޫނު ބަރުހަބާއެއް ކިޔާ ކަމަށެވެ. އަދި އެސްޓީއޯ އަކީ ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅަ ކްލަބުތައް ކުރިއެރުވުމަށް ޓަކައި ނުހަނު ބޮޑު އެހީތެރިކަމެއްދޭ އެއް ކުންފުންޏެއް ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

މި އަހަރުގެ ދިރާގު ދިވެހި ލީގުގައި މުޅިން އަލަށް މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވޭ ކުޅުންތެރިންނަށް ފައިސާގެ އިނާމް ދިނުމަށް އެސްޓިއޯ އިން ނިންމި އިރު، މީގެ ކުރިން މެޗުތަކުގެ މޮޅު ކުޅުންތެރިޔާ އަށް ފައިސާގެ އިނާމް ދީފައެއްނުވެ އެވެ.

ދިރާގު ދިވެހި ލީގައި ޖުމްލަ އަށް ޓީމެއް ވާދަކުރާ އިރު، އެސްޓިއޯ ވަނީ ހަތް ކުލަބަކަށް ސްޕޮންސާ ދީފަ އެވެ. އެގޮތުން ކުލަބްތަކަކީ ނިއު ރޭޑިއަންޓާއި މާޒިޔާ އާއި އޭވައިއެލް އާއި ބީޖީ ސްޕޯޓްސް އާއި ވެލެންސިއާ އަދި ވީބީ އައްޑޫ އެފްސީ އެވެ. އަދި އޭގެ ތެރެއިން ހަތަރު ކުލަބެއްގެ މައިން ސްޕޮންސާޝިޕް އެސްޓިއޯ ނަގާފައު ވާ އިރު، އަނެއް ތިން ކުލބުގެ ކޯ ސްޕޮންޝަރުން ވެސް ވަނީ އެސްޓިއޯ އިން ނަގައިފަ އެވެ.