ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ތަސްދީގުކުރެއްވި ނަމަވެސް އެ މަނިކުފާނުގެ ޕާޓީ އުވިގެންދާނެ ކަމުގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ މެމްބާޝިޕް ފޯމްތަކާ އެކު ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ އިތުރުވެފައިވާ ކަމަށާއި ބިލް ތަސްދީގު ކުރައްވައިގެން ޕާޓީ އުވިގެންދިއުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ދެން ޕާޓީތަކުގެ މެމްބަރުންގެ ލިސްޓް އަޕްޑޭޓްކުރާ އިރު އެ ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދު އެނގިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ަައައްބާސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް މިހާރު ވެސް އެ ޕާޓީން ނޭދޭ ކަމަށާއި އެގޮތަށް އެ ޕާޓީން ނޭދެނީ ޕާޓީ އަށް މެމްބަރުންގެ އަދަދު ހަމަނުވެގެން ނޫން ކަމަށެވެ.

"ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާތީ، ޕާޓީން ނޭދޭ އެ ބިލް ރައީސް ތަސްދީގު ކުރައްވާކަށް. އަދި މަޖިލީހުގެ ގިނަ ޕާޓީތަކުން ގޮވާލި ނަމަވެސް އެބިލަކީ ގާނޫނު އަސާސީއާ ސީދާ ހިލާފު ބިލެއް ކަމުގައިވާތީ އަޅުގަނޑުމެން ބޭނުން ނުވަނީ އެބިލް ތަސްދީގުކުރަން. ކޮންމެހެން ޕާޓީ އަށް މެމްބަރުން ހަމަނުވެގެން އެކަމުގެ ޝަކުވާއެެއް ކުރާކަށެއް ނޫން. ޣައިރު ގާނޫނީ ކަމެއް ކަމުގައިވާނެ ކަމަށް 2008 ވަނަ އަހަރު މަޖިލީސް ޗުއްޓީ އަށް ދިޔަ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިޔާ އިން އެނގެން އެބަ އޮތް. އެހެންވީމަ މަޖިލީހުން ފާސްކުރާ ކޮންމެ އެއްޗަކީ ގާނޫނަކަށް ވާން ލާޒިމްވާނެ އެއްޗެއް ކަމަށް އަޅުގަނޑުމެން ނުދެކެން. ނަމަވެސް ރައީސްގެ ނިންމެވުމަށް އަޅުގަނޑުމެން އިހުތިރާމް ކުރާނަން،" އައްބާސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް އެކުލަވާލާފައިވާ ބިލެއް ކަމުގައި ބުނެ އެ ބިލް ތަސްދީގު ނުކުރުމުގެ އަމުރެއް ނެރެދިނުމަށާއި އެބިލް ގާނޫނަކަށް ވެއްޖެ ނަމަ އެގާނޫނަށް އަމަލް ނުކުރުމުގެ ވަގުތީ އަމުރަކަށް އެދި ގައުމީ ޕާޓީ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފަ އެވެ. އަދި އެ ބިލްގެ މައްސަލައެއް އޭޖީ އޮފީހުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.