12 Mar 2013, 12:40
މިސްރުގައި މުޒާހަރާ ކުރާ އަންހެނުންނަކީ ބިކުރުވެރި އަންހެނުންތޯ ބެލުމަށް، ގަދަކަމުން ޓެސްޓްކުރާ ކުރުމާ ދެކޮޅަށް ތެދުވީ ސަމީރާ އިބުރާހީމް އެވެ.
މިސްރުގެ އިންގިލާބުގެ ތެރޭގައި މިސްރު ސިފައިން އޭނާ ހައްޔަރުކޮށް، ކަރަންޓްގައި ޖައްސައި، ބަރަހަނާކޮށް، އޭނާއަކީ ބިކުރުވެރި އަންހެނެއްތޯ، "ގަދަކަމުން" ޓެސްޓް ކުރި އެވެ. މިސްރު ސިފައިން އެކަން ކުރީ އެމީހުންނާ މެދު ކުރެވުނު އިއްފަތް ފޭރުމުގެ ތުހުމަތުތަކާ ހެދި ރުޅި އައިސްގެންނެވެ.
އެ ހާދިސާގެ ފަހުން ސަމީރާ ވެފައި ވަނީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޑު އުފުލާ މަޝްހޫރު އެކްޓިވިސްޓަކަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ދޭ "އިންޓަނޭޝަނަލް ވޮމެން އޮފް ކަރޭޖް އެވޯޑް" ސަމީރާ އަށް ދިނުމަށް އެގައުމުން ނިންމީ އެ ސަބަބުތަކާ ހެދި އެވެ. އެވޯޑް ލިބޭ 10 އަންހެނުން މިދިޔަ ހަފުތާގައި އިއުލާން ކުރި އިރު އެމެރިކާ އިން އޭނާގެ ނަން ހިމެނި އެވެ.
އެމެރިކާގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާގެ އަތްޕުޅުން އެވޯޑާ ހަވާލުވުމަށް ޓަކައި ސަމީރާ މިހާރު ގޮސް ހުރީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންޑީސީގަ އެވެ. ނަމަވެސް ސަމީރާގެ އެވޯޑް އަދި ނުދީ ހިފަހައްޓާނެކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ސްޓޭޓްޑިޕާޓްމެންޓްގެ ތަރުޖަމާނު ވިކްޓޯރިއާ ނިއުލޭންޑް ވިދާޅުވި ކަމަށް ނޫސްތަކުން ބުނީ "އެމެރިކާގެ ޑިޕްލޮމެޓިކް އިންސްޓޮލޭޝަންތަކަށް ހަމަލާ ދިނުމަށާއި ބަލްގޭރިއާގައި އިސްރާއީލުގެ ރައްޔިތުންތަކަކާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާއަކަށް ތާއީދުކޮށް (ސަމީރާ) ކުރި ޓްވީޓްތަކެއްގެ މައްސަލަ އޮފިޝަލުން ތަހުގީގުކުރުން ދާތީ ސަމީރާއަށް އެވޯޑް ނުދީ މަޑުކުރާނެ" ކަމަށެވެ.
ސަމީރާ ބުނަނީ އޭނާގެ އެކައުންޓް މިހާރު ހެކްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އެ ޓްވީޓްތަކަކީ މީގެ އެތައް މަހެއް ކުރިން ކޮށްފައިވާ ޓްވީޓްތަކެކެވެ.
އެމެރިކާ ނުރުހޭ ގޮތަށް ސަމީރާ ކުރި ޓުވީޓްތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހު ބަލްގޭރިއާގައި ބަހެއް ގޮއްވާލައި އިސްރާއީލުގެ ފަސް މީހަކު މަރާލި ހާދިސާއާ ގުޅިގެން "ރަނގަޅު ހަބަރަށް މަރުހަބާ" މިހެން ލިޔެފައި ކުރި ޓްވީޓަކާއި "ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަކީ ޔަހޫދީންނަށް ވުރެ ވެސް ނުބައި ބައެއް" ކަމަށް ލިޔެ ކުރި ޓްވީޓް ހިމެނެ އެވެ.
"ސަމީރާ އިބުރާހީމް އާއްމު ކުރި ކޮމެންޓްތަކާ ގުޅިގެން ކުރިއަށްދާ ކަންތައްތަކާ މެދު، ޑިޕާޓްމަންޓްގެ ހައިސިއްޔަތުން އަޅުގަނޑުމެން ހޭވެރިވީ ވަރަށް ލަސްވި ފަހުން" ސަމީރާ އަށް އެވޯޑް ނުދީ މަޑުކުރި ކުރުމާ މެދު ވާހަކަ ދައްކަވަމުން ވިކްޓޯރިއާ ނިއުލޭންޑް ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.
ނަމަވެސް އެޓްވީޓްތަކަކީ ސަމީރާ ކުރި ޓްވީޓްތަކެއް ކަމަމާ މެދު އޭނާ ދެކޮޅު ހަދާފައިވާ ކަމަށް ވެސް ވިކްޓޯރިއާ ވިދާޅުވެފައި ވެއެވެ.
"ފާއިތުވި 24 ގަޑި އިރު ތެރޭގައި އަޅުގަނޑުމެންނާ ދެއްކި ވާހަކަތަކުގައި ސަމީރާ ވަނީ އެ ޓުވީޓްތަކަކީ އޭނާ ކުރި ޓްވީޓްތަކެއް ކަމަށް އެއްބަސްވުމަށް ދެކޮޅު ހަދާފައި، އޭނާ ބާރުލާފައި ބުނަނީ އޭނާގެ އެކައުންޓް ހެކްކޮށްފައިވާ ކަމަށް. ނަމަވެސް އަޅުގަނޑުމެން އަމިއްލައަށް އެކަން މުތާލިއާ ކުރުމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ވަގުތު ބޭނުންވޭ." ވިކްޓޯރިއާ ވިދާޅުވެފައިވެ އެވެ.
ސަމީރާގެ ޓުވީޓްތަކުގެ މައްސަލަ ފުރަތަމަ ފެންމަތި ކުރެއްވީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެކެވެ. އަދި އެ މައްސަލަ ސްޓޭޓް ޑިޕާޓްމަންޓުން ތަހުގީގު ކުރުމަށް ގޮވާލެއްވީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ސެނެޓަރު މާކް ކިރްކް އެވެ.
ސަމީރާގެ މައްސަލައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއަށް މާކް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެންޓި ސެމިޓިކް (ޔަހޫދީންނަށް ވީތީ ޔަހޫދީންނަށް ނަފުރަތު ކުރުމުގެ ވިސްނުން) ފެތުރުމަށާއި ބައިނަލްއަގުވާމީ ޓެރަރިޒަމަށް ތާއީދު ކުރުމަށް ސަމީރާ އޭނާގެ ޓުވިޓާ އެކައުންޓް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެޝަރަފު (އެވޯޑް) އޭނާ އަށް ވުރެ މާ ހައްގު އަންހެނުން އެބަތިބި ކަމަށެވެ.
ޓުވީޓްތައް ކޮށްފައިވާ ދުވަސްވަރަށް ބަލާއިރު ސަމީރާގެ އެކައުންޓު ހެކް ކޮށްފައިވާ ކަމަށް އޭނާ ކުރާ ދައުވާއާ މެދު ޝައްކު ކުރެވޭ ކަމަށް ވެސް މާކް ވިދާޅުވެފައިވެ އެވެ.
ސަމީރާ އެވޯޑަށް ނޯމިނޭޓްވި ސަބަބާ މެދު ވާހަކަ ދައްކަވަމުން ވިކްޓޯރިއާ ވިދާޅުވެފައި ވަނީ "އޭނާ ހަމަ އެކަނި ވާހަކަ ދެއްކީ ނޫން ކަމަށާއި ޖިންސާ ގުޅުވައިގެން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގައި އޭނާ ވެފައި ވަނީ އޭނާގެ ގައުމުގައި ލީޑަރަކަށް" ކަމަށެވެ.
ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައި ވަނީ ސަމީރާއަކީ އޭނާ ހައިސްކޫލްގައި ކިޔެވި ދުވަސްވަރު "ފަލަސްތީނު މީހުންގެ ހައްގު ހޯދުމަށް އެމީހުން ކުރާ މަސައްކަތަށް އަރަބި ލީޑރުން އިހުލާސްތެރިކަމާ އެކު އެހީތެރި ނުވާތީ އެކަމަށް ފާޑުކިޔައި" ލިއުނު ލިއުމަކާ ގުޅިގެން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ސަމީރާއަކީ ސިޔާސީ ކަންކަމަށް ހޭލުންތެރި ކުރުވުމަށާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މިސްރުގެ ޖަމާއަތެއް ކަމަށްވާ "ނޯ ޔުއަރ ރައިޓް"ގެ ކޯޑިނޭޓަރެވެ.