ތަސްދީގު ކުރުން ލާޒިމްވާ ގޮތަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ނުކުރައްވާތީ އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ބެއްލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ތާއިދު ކުރެއްވުމުން، ފުއާދު ކޮމެޓީއަށް ހާޒިރު ކުރަން ފާސްވީ ކޮމެޓީގެ ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީން ނިންމާފައި ވަނީ މިއަދު 12:30 އަށް ފުއާދު ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގުމަށް ހުޅުމާލޭ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރި ގޮތް ބެލުމަށް ޖޭއެސްސީގެ އިތުރު ދެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމި އެވެ. ކޮމެޓީއަށް ހާޒިރު މިރޭ ހާޒިރު ކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.

ޝާހިދު ކޮމެޓީއަށް ހާޒިރު ކުރާނީ މިރޭ 8:30 ގަ އެވެ. އަދި އާޒިމާ ކޮމެޓީއަށް ހާޒިރު ކުރާނީ މިރޭ 9:30 އަށެވެ.