އަންނަ ސީޒަންގައި ޖަރުމަންގެ ބަޔާން މިއުނިކާއި ޕެޕް ގާޑިއޯލާ ހަވާލުވުމަށް ފަހު، ދުނިޔޭގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ގެންނާނެކަމަށް ކުރީގެ ޓެނިސް ކުޅުންތެރިޔާ ބޮރިސް ބެކާ ބުނެފި އެވެ.

އުމުރުން 45 އަހަރުގެ ބެކާ އަކީ ވަރަށް ކުރީއްސުރެން ބަޔާން އަށް ސަޕޯޓްކުރަމުން އައި ސަޕޯޓަރެކެވެ. ބެކާ ހުރީ ބަޔާން އާއި ގާޑިއޯލާ ހަވާލުވުމުން ދެން ކުރިއަށް ދާނެ ގޮތްތައް ބަލައިލުމަށް ކެތްމަދުވެފަ އެވެ. އަދި ގާޑިއޯލާ ހަވާލުވުމަށްފަހު، ބަޔާން އަށް ގިނަ ބަދަލުތަކެއް އަންނާނެކަމަށް ވެސް ބެކާ ގަބޫލުކުރެ އެވެ.

"ބަޔާން އާއެކު ގާޑިއޯލާ ސޮއިކުރުމުން އަހަރެން އުފާކުރަން. ގާޑިއޯލާ ހަވާލުވުމުން އަންނަ ސީޒަންގައި އޭނާ މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންނާނެ. އެ ދެކުޅުންތެރިން ތެރެއިން އެކަކު ކުޅޭނީ ކަނާތް ފަޅުން އަދި އަނެއް ކުޅުންތެރިއަކު ކުޅޭނީ ވައަތް ފަޅިން. ގާޑިއޯލާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު. ނަމަވެސް ބަޔާން އާއެކު ގާޑިއޯލާ ސޮއިކުރުމުން އަހަރެން ކުޑަކޮށް ހައިރާންވި. ދެން އަހަރެން ބަލައިލަން ބޭނުމީ ގާޑިއޯލާ އާއެކު ބަޔާންއަށް ވާނެގޮތް." ބެކާ ބުންޏެވެ.

މިހާރު ބަޔާންއާއި ހަވާލުވެހުރި ކޯޗް ޔުޕް ހޭންކޭސް އަށް ހުރިހާ ތައްޓެއް އެކްލަބަށް ހޯދައިދެވިދާނެ ކަމަށް ވެސް ބެކާ ގަބޫލުކުރެ އެވެ. "ހެންކޭސް އަށް ހުރިހާ ކާމިޔާބެއް ހޯދައިދެވިދާނެ. ޗެމްޕިއަންސް ލީގާއި، ޖަރުމަން ކަޕް އަދި ހަމަ ޔަގީނުންވެސް ބުންޑަސްލީގާ ވެސް ބަޔާން އަށް ހޯދައިދެވިދާނެ." ހަ ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކުރި ބެކާ ބުންޏެވެ.

ބަޔާން މިވަގުތު އޮތީ ވިހި ޕޮއިންޓާއެކު ޖަރުމަން ބުންޑަސްލީގާގެ އެއްވަނާގަ އެވެ. ބަޔާން ވަނީ ވާދަވެރި ބޮރޫސިއާ ޑޯޓްމުންޑް ބަލިކޮށް ޖަރުމަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އާސެނަލް އަތުން 3-1 ލަނޑުން މޮޅުވެ ކުއާޓާގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި މާދަމާރޭ އާސެނަލްއާއި ދެކޮޅަށް ބަޔާން ނުކުންނާނީ އެޓީމުގެ އަމިއްލަ ދަނޑުގަ އެވެ.