14 Oct 2010, 08:56
ފުލުހުންނަށް ވަޅިން ބިރު ދެއްކުމަށް ފަހު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވަން އުޅުނު މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ ހ. ކަހަފަތި މުހައްމަދު އަހުމަދު ހައްޔަރު ކުރީ ރޭ ގާތްގަނޑަކަށް 9:00 ޖަހާ އެހާކަންހާއިރު ކަމަށާއި އެގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުންގެ ސަބްއިންސްޕެކްޓަރު މުހައްމަދު ދާވޫދު ވިދާޅުވީ ފުލުހުން އެ ގެއަށް ދިޔައީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ގޭގައި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށާއި ފުލުހުން އެގެއަށް ވަނުމުން މުހައްމަދު އަހުމަދު އޭނާގެ އަތުގައި އޮތް ދެ ވަޅި ބޭނުންކޮށްގެން ފުލުހުންނަށް ހުރަސް އަޅައި ބިރު ދައްކާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ވަޅި ބޭނުން ކުރުމުގެ ސަބަބުން އެގެއަށް ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ތިން ފުލުހަކަށް އެކި ވަރުގެ ކުދި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.
"އެކަމަކު ސީރިއަސް ޒަހަމެއް ނެތް،" ދާވޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުހައްމަދު އަހުމަދު ވަޅިން ބިރުދައްކައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅީ އެގޭ ފާހާނާތެރޭގައި އޮތް ކަރުދާސް ގަނޑެއްގެ ތެރޭގައި ބަހައްޓާފައިވާ 18 ޕެކެޓް ހެރޮއިން ނެގިޔަ ނުދީ ފޮރުވަން ވެގެން ކަމަށެވެ. އޭނާ ފޮރުވަން އުޅުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގަށް 65000ރ. އަރާ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.
މި މުހައްމަދު އަހުމަދަކީ މީގެ ކުރިން ވެސް ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.