12 Mar 2013, 11:34
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ބާސާ އާއި ދެކޮޅަށް އޭސީ މިލާނުން ބާސާގެ ކޭމްޕް ނޯ އަށް ނުކުންނާނީ ޑިފެންސް ކުރަން ނޫންކަމަށް މިލާންގެ މިޑްފީލްޑަރު ކެވިން ކޮންސްޓަންޓް ބުނެފި އެވެ.
މިލާނުން ވަނީ މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގައި ގިނަ ބަޔަކު ސިއްސުވާލައި، 2-0 ލަނޑުން މެޗު ކާމިޔާބުކޮށްފަ އެވެ. މިރޭ ބާސާއާއި ދެކޮޅަށް މިލާން ކުޅޭ މެޗަކީ އުނދަގޫ މެޗެއް ކަމުގައި ކޮންސްޓަންޓް ގަބޫލުކުރެ އެވެ.
"އަހަރެމެން މިހިރީ ބާސާ އާއި ދެކޮޅަށް ކުޅޭ މެޗަށް ވިސްނައިގެން. އަހަރެމެންނަށް އެނގޭ ފުރަތަމަ ލެގަށް ވުރެ މިރޭގެ މެޗު ތަފާތުވާނެކަން. އެމީހުން އަތުގައި ގިނ ވަގުތު ބޯޅަ އޮންނާނެކަން އަހަރެމެންނަށް އެނގެންޖެހޭނެ. އަހަރެމެންނަށް 2-0 ލަނޑުގެ އެޑްވާންޓޭޖެއް އޮތަސް ޑިފެންސް ކުރާކަށް ނުވިސްނާނަން. ބާސާ އަކީ މޮޅު ޓީމެއް. ނަމަވެސް މިދުވަސްކޮޅަކީ އެމީހުންނަށް ވަރަށް އުނދަގުލާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްކޮޅެއް." ކޮންސްޓަންޓް ބުންޏެވެ.
ކޮންސްޓަންޓް އިތުރަށް ބުނިގޮތުގައި، މިލާނުން ކުއާޓާއަށް ދުތުރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. "އަހަރެމެން ރަނގަޅު ކުޅުމެއް ކުޅެ ކުއާޓާއަށް އަހަރެމެން ދަތުރުކުރާނެކަމަށް އުންމީދުކުރަން. މިލާނުން އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ. ބާސާއިން އަހަރެމެންގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރާނެ. އެކަމަށް އަހަރެމެން ސަމާލުވާނަން." ކޮންސްޓަންޓް ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބާސާ އާއި މިލާން ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 12:45 ގައެވެ.