އިތުރުގަޑީގެ މަސައްކަތް ކުރުމަށް ބައެއް ސްކޫލްތަކުން ޓީޗަރުންނަށް މަޖުބޫރު ކުރުވަމުންގެންދާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލްހަކީމް މިއަދު ސަން އަށް ވިދާޅުވީ ރަސްމީގަޑި ފިޔަވައި އެހެން ގަޑިއެއްގައި މުވައްޒަފަކުލައްވައި މަސައްކަތް ކުރުވައިފި ނަމަ އިތުރުގަޑީގެ ފައިސާ ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) އިން ވަޒީފާދޭ ފަރާތަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކިތަންމެ ގިނަ ވަގުތު ޓީޗަރުން އިތުރު ގަޑީގައި މަސައްކަތް ކުރި ނަމަވެސް އިތުރުގަޑީގެ ފައިސާ ލިބެނީ އަށް ގަޑިއިރަށް ކަމަށެވެ. އެހެންކަމުން އަށް ގަޑި އިރަށް ވުރެ އިތުރަށް އިތުގަޑީގައި މަސައްކަތް ނުކުރުމުގެ ހައްގު ގާނޫނީ ގޮތުން ކޮންމެ ޓީޗަރަކަށް ވެސް ލިބިގެންވާ ކަމަށާއި އެއީ އެއްވެސް ފަރާތަކަށް މަޖުބޫރު ކުރުވޭނެ ކަމެއް ނޫން ކަމަށެވެ.

"އިތުގަޑީގެ ފައިސާއާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ފެކްސް މެސެޖުގައިވާ ގޮތަށް މުވައްޒަފުންނަށް އިތުގަޑީގެ ފައިސާ ދެއްވާ ނަމަ ކޮންމެ މުވައްޒަފަކު ވެސް އިތުރުގަޑީގެ ގޮތުގައި މަސައްކަތް ކުރައްވަން ޖެހޭނީ އަށް ގަޑިއިރު. އެހެންކަމުން އަށް ގަޑިއިރަށް ވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ލައްވައި މަޖުބޫރުން މަސައްކަތް ނުކުރެއްވުމަށް ސްކޫލްތަކުގެ ވެރިންނަށް ދަންނަވަން. މިދެންނެވި އަށް ގަޑިއިރަށް ވުރެ އިތުރުވާގޮތަށް މަސައްކަތް ކުރައްވާ ނަމަ ދިވެހި ސިވިލްސާވިސް ގަވާއިދުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އިތުގަޑީގެ ފައިސާ ދެއްވަން ޖެހޭނެ،" އާތިފް ވިދާޅުވި އެވެ.

އަށް ގަޑިއިރަށް ވުރެ އިތުރަށް އިތުރުގަޑީގެ މަސައްކަތަށް ނުނިކުންނަ ޓީޗަރުންގެ މަސައްކަތާއި ފެންވަރުބެލުމަށް ފުރާ އެޕްރައިޒަލް ފޯމަށް މާކްސްދިނުމުގައި އިތުރު ވިސްނުންތަކެއް ވިސްނަން ޖެހިދާނެ ކަމަށް ބުނެ ބައެއް ސްކޫލްތަކުން ޓީޗަރުންނަށް އިންޒާރުދެމުން ގެންދާ ކަމަށާއި އެފަދަ އިންޒާރުތައްދޭ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ޖަމްއިއްޔާ އިން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެއާ ޚިލާފަށް އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ސޮއިކުރައްވައި މުސާރައާ އިނާޔަތްތަކާ ބެހޭ ނިންމުންތައް ނިންމައި ސާކިއުލާ އާއި ފެކްސް މެސެޖު ފަދަތަކެތި ނެރެމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ނެރުއްވާ އެފަދަ ނިންމުންތަކަކީ ސިވިލްސާވިސް ކޮމިޝަންގެ ނިންމުމެއް ކަމަށް ބެލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށާއި އެހެންކަމުން އެފަދަ ޒިންމާދާރުކަން ކުޑަ ކަންކަން ނުކުރެއްވުމަށް އެ ޖަމްއިއްޔާ އިން އިލްތިމާސް ކުރާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ވިދާޅުވީ އިތުރު ގަޑީގެ މަސައްކަތް ކުރުމަށް ޓީޗަރުންނަށް މަޖުބޫރު ކުރުވާ ކަމަށް ވިދާޅުވެ ޓީޗާސް އެސޯސިއޭޝަނުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަަމަށާއި އެފަދަ އެއްވެސް ކަމެއް ކޮަަށްފައެއް ނުވާނެ ކަމަށެވެ.