ޕޯލާ އައިޑިއާސް ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގައި ހއ. ތަކަންދޫ އެކުވެރިންގެ ރޫހް (ޓީއީއާރު) އެލައިޑް އިންޝުއަރެންސް ބައްދަލު ކުރި މެޗުގައި ތަކަންދޫ ޓީމުގެ މުހައްމަދު އަހްމަދު (މޯޑެކްސް) ކާމިޔާބު ކުރި ހެޓްރިކާ އެކު އެޓީމު ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭ މާފަންނު ސްޓޭޑިއަމްގައި ކުޅުނު މެޗު، ތަކަންދޫއިން ކާމިޔާބު ކުރީ ތިންލަނޑު ސުން ލަނޑުންނެވެ. އަދި މެޗުގައި ޖެހި ހުރިހައި ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ ޓީއީއާރުގެ ހުނަރުވެރި ޒުވާން ސްޓްރައިކާ މޯޑެކްސްގެ ފަރާތުން ނެވެ.

މިމުބާރާތުގައި ތަކަންދޫ ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައި ނުވާއިރު އެޓީމުގެ ކޮޅަށް މިހާތަނަށް ލަނޑެއްވެސް ވަދެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ސެމީފައިނަލްގައި ތަކަންދޫ ވާދަކުރަން ޖެހޭނީ ދިއްދޫ އެލްއެލް ސްޕޯޓްސް އާ އެވެ.

މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވާ އަނެއް ދެޓީމަކީ ކެލާގެ ދެޓީމުކަމަށްވާ ކެލާ ރޫޓް އެކްސް އާއި ވަސްމީރު ކެލާ އެވެ. މިދެޓީމުވެސް ސެމީއާ ހަމައަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

މާދަމާރޭ 8:00ގައި ކުޅެން ހަމަޖެހިފައިވާ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކެލާ ރޫޓްއެކްސް އާއި ވަސްމީރު ކެލައެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗުގައި ތަކަންދޫ އެކުވެރިންގެ ރޫހާއި ދިއްދޫ އެލްއެލް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00ގަ އެވެ.

މުބާރާތް އިންތިޒާމް ކުރާ އައިޑިއާސް ޖަމްއިއްޔާއިން ބުނެފައިވާގޮތުގައި، މެޗުތައް ކުޅޭ ގަޑީގައި ސަޕޯޓް ކުރައްވަން ވަޑައި ގަންނަވާ ފަރާތްތަކަށްވަރަށް ހާއްސަ ލަކީޑްރޯއެއް ވަނީ ހުޅުވާލެވިފަ އެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތައް މުބާރާތުގެ އެކްސްކުލޫސިވް ސްޕޮންސާ، ރީފްސައިޑުން ވިއްކާ ސޮނީ ބުރާވިއާ ލެޑް 32 އިންޗީގެ ޓީވީއެއް ދޭގޮތައް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށް ވެސް ކޮންމެ މެޗެއް ކުޅޭވަގުތު އެއް ކޫޕަން ފުރާނެ ކަމަށާއި އެގޮތުން ކޫޕަންތަކުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ ފައިނަލް މެޗް ކުޅޭ ދުވަހު ކަމަށް ވެސް އައީޑިއާސްއިން ބުނެފައި ވެއެވެ.