12 Mar 2013, 09:43
ތަސްދީގު ކުރެއްވުން ލާޒިމްވާ ގޮތަށް މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަންދެން މަޖިލިސް ހުއްޓާލައްވާފައި ބޭއްވުމަށް އެދި މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުން، ޕާޓީތަކާ މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފި އެވެ.
މިއަދު ހެނދުނު ފެށި ޖަލްސާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަޝްވަރާއަށް މެދުކަނޑާލުމަށްފަހު މެންދުރު 12:00ގައި ވެސް ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ބިލް ތަސްދީގު ނުކުރާ މައްސަލާގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓިތާ މަޝްވަރާ ކުރެއްވުމަށްޓަކައި ޖަލްސާ އަނެއްކާ ވެސް މެދުކަނޑުއްވާލައްވާ ކަމަށެވެ. ނަމަވެސް ދެން ޖަލްސާ ފަށާގެ ވަގުތެއް ރިޔާސަތުން އިއުލާން ނުކުރައްވަ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު މެންދުރުފަހު 1:00 ގައި ތަސްދީގު ކުރައްވާނެ ކަމަށެވެ.