ދަވްޙާ (މާޗް 12): ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބޭންކް އުފައްދަން ގަސްދުކުރާކަން ޤަތަރުން ހާމަކޮށްފި އެވެ.

ޤަތަރުގެ މާލީ ވަޒީރު ޔުސުފް ޙުސައިން ކަމާލް ވިދާޅުވީ ޤަތަރުން އުފައްދާ އިސްލާމީ ބޭންކުގެ ރައުސުލްމާލަށް ޤަތަރު ސަރުކާރުން އެއް ބިލިޔަން ޑޮލަރު ދޭނެ ކަމަށާ ރައުސުލްމާލުގެ ބާކީ ޙިއްސާކުރާނީ އެހެން ފަރާތްތަކުން ކަމުގަ އެވެ.
މީގެތެރޭގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި ބަރަކާ ގްރޫފާއި އެހެން ބައެއް ބޭންކްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޤަތަރުގެ ވެރިރަށް ދަވްޙާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ބޭންކްގެ ބޭނުމަކީ އިސްލާމިކް ބޭންކިންގް ޚިދްމަތް ޤަތަރުގައި ފުޅާކުރުން ކަމަށާއި އިސްލާމިކް ބޭންކިންގް ޚިދްމަތަށް އެދޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޤަތަރު އިސްކޮށް އޮވެގެން އުފައްދާ އިސްލާމީ ބޭންކްގައި ޤަތަރު ސަރުކާރުގެ ޙިއްސާއަކީ 30 ޕަސެންޓެވެ. މިބޭންކް، ކުރިޔަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް އަންނާނެ ކަމަށް ވެސް ޤަތަރުގެ މާލީ ވަޒީރު ވިދާޅުވި އެވެ. އިސްލާމިކް ބޭންކިންގެ ޚިދްމަތްތައް އިސްލާމީ ދުނިޔޭގެ އިތުރުން ޔޫރަޕާއި އެމެރިކާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ވެސް ފުޅާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)