12 Mar 2013, 09:39
ރިޔާޟް (މާޗް 12): ސައޫދީ އަރަބިޔާގައި މަރުގެ ޙުކުމް ތަންފީޒުކުރުން ކަނޑިން ބޯބުރިކޮށްލުމުގެ ބަދަލުގައި ބަޑިޖަހައިގެން މެރުމަށް ބަދަލުކުރުމާމެދު އެގައުމުގެ ސަރުކާރުން ވިސްނަމުންގެންދާ ކަމަށް ޚަބަރު ލިބިއްޖެވެ.
ސައޫދީ އަރަބިޔާގައި އިނގިރޭސިބަހުން ނެރޭ ނޫހެއް ކަމަށްވާ "ޢަރަބް ނިއުޒް" ބުނި ގޮތުގައި ބަޑިޖަހައިގެން މަރުގެ ޙުކުމް ތަންފީޒު ކުރަން ފެންނަނަމަ އެކަން ސައޫދީ މައި ސަރުކާރަށް އެންގުމަށް ފަހު އެގޮތަށް ތަންފީޒުކުރުން އެންމެ ރަނގަނޅު ކަމަށް ސައޫދީ އެކިސަރަޙައްދުތަކުގެ އަމީރުންނަށް އެގައުމުގެ ސަރުކާރުން އަންގާފައިވާ ކަމުގަ އެވެ. ނަމަވެސް ސައޫދީ ދާޚިލީ ވުޒާރާ އިން މިކަން ކަށަވަރުކޮށް ދީފައެއްނުވެ އެވެ. ސަޢޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ "ޢަރަބް ނިއުޒް"ގައިވާ ރިޕޯޓާމެދު އެއްޗެކޭ ބުނަން އެނގޭނީ އެކަން ބެލުމަށްފަހުގައި ކަމުގަ އެވެ.
"ޢަރަބް ނިއުޒް" ނޫސް ބުނާ ގޮތުން ސައޫދީ އަރަބިޔާގައި މަރުގެ ޙުކުމް ތަންފީޒުކުރުން ކަނޑިން ބޯބުރިކޮށްލުމުގެ ބަދަލުގައި ބަޑިޖަހައިގެން މެރުމަށް ބަދަލުކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކަނޑިން މަރުގެ އަދަބު ތަންފީޒުކުރާނެ ކަނޑިވެރިން މަދުވުމާއި އެފަދަ މީހުން ލިބުން ދަތިވުމެވެ. ސައޫދީ އަރަބިޔާއަކީ ބޮޑެތި ޖަރީމާތަކަށް މަރުގެ އަދަބުދޭ ގައުމެކެވެ. މީގެތެރޭގައި މީހުން މެރުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުންފަދަ ބޮޑެތި ޖަރީމާތައް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)