12 Mar 2013, 09:30
އިސްލާމް އާބާދު (މާޗް 12): އީރާނާއި ޕާކިސްތާނުގެ ގޭސް ހޮޅީގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނެ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ ވިދާޅުވީ މިއީ ޕާކިސްތާނުގެ ތަރައްގީ އާއި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ގައުމީ މަސްލަޙަތުގެ މަޝްރޫޢެއް ކަމަށާއި މިމަޝްރޫޢު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ފިއްތުންތައް ކުރިމަތިނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ. މި މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި ފިއްތުންތައް ކުރިމަތި ކުރިނަމަވެސް އެފިއްތުންތަކަށް ޕާކިސްތާނުންބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ގޭސް ޕާކިސްތާނަށް ގެންދިޔުމަށް ޓަކައި ދެގައުމުގެ ދެމެދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ގޭސްހޮޅީގެ މަޝްރޫޢު، އީރާނުގެ ރައީސް އަހްމަދީ ނެޖާދް އާއި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އިއްޔެވަނީ އިފްތިތާޙުކޮށް ދެއްވާފަ އެވެ. މި މަޝްރޫޢުގެ ދަށުން އީރާނުގެ އީރާން ޝެހެރު އާއި ޕާކިސްތާނުގެ ނަވާބް ޝާހް އާ ދެމެދު ސަރަހައްދީ ރޮނގު ހުރަސްކޮށް ގޭސް ހޮޅިއެއް ބިނާކުރެވޭނެ އެވެ. މި ގޭސް ހޮޅީގެ މަޝްރޫޢުގައި ހިމެނޭ އީރާނުގެ ސަރަޙައްދުގައި ބިނާކުރާ ގޭސްހޮޅި ބިނާކުރުމުގެ މަސައްކަތް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ ކޮށް ނިންމާފަ އެވެ. އިއްޔެ އިފްތިތާޙް ކުރީ މިބޮޑު މަޝްރޫޢުގެ ދަށުން ޕާކިސްތާނުގެ ސަރަޙައްދުގައި ބިނާކުރާ ގޭސްހޮޅީގެ މަޝްރޫޢެވެ.
ޕާކިސްތާނުގެ ސަރަޙައްދުގެ ތެރޭގައި ބިނާކުރެވޭނީ 780 ކިލޯމީޓަރުގެ ދިގު ހޮޅިއެކެވެ. މިހޮޅި ބިނާކުރުމުގެ މަސައްކަތްކުރާނީ ޕާކިސްތާނުގެ ލޭބަރުން ބޭނުންކޮށްގެން އީރާނުގެ ކުންފުނިތަކުންނެވެ. މި މަޝްރޫޢަށް ހިނގާ ޚަރަދުގެ ބޮޑުބައެއް ލޯންގެ ގޮތުގައި އީރާނުން ވަނީ ޕާކިސްތާނަށް ދިނުމަށް އެއްބަސްވެފަ އެވެ. މިގޮތުން 500 މިލިޔަން ޑޮލަރުގެ ލޯނެއް އީރާނުން ވަނީ ޕާކިސްތާނަށް ދިނުމަށް އެއްބަސްވެފަ އެވެ. ޕާކިސްތާނުގެ އެތެރޭގައި އަޅާ ގޭސްހޮޅި ދެ އަހަރު ތެރޭގައި ބިނާކޮށް ނިމުމުން އީރާނުން ދުވާލަކު 750 މިލިޔަން ކޮޑި މީޓަރުގެ ގުދްރަތީ ގޭސް ޕާކިސްތާނަށް ފޯރުކޮށްދޭނެ އެވެ. މިކަމުގެ ސަބަބުން ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ފިލައިގެންދާނެ ކަމަށް ޕާކިސްތާނުން ބުނެ އެވެ.
މިމަޝްރޫޢު ފަށާފައިމި ވަނީ އީރާނާ އެކު މިފަދަ މަޝްރޫޢެއް ނުފެށުމަށް އެމެރިކާއިން ޕާކިސްތާނަށް އެތައް ފަހަރަކު އިންޒާރު ކުރުމާގުޅިގެން އެތައް ފަހަރަކު މަޝްރޫޢު ލަސްވެގެން ދިޔުމަށްފަހުގަ އެވެ. އެމެރިކާ ބުނެފައި ވަނީ މިއީ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފު މަޝްރޫޢެއް ކަމަށާ މިމަޝްރޫޢުގެ ސަބަބުން އެމެރިކާގެ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކާ ޕާކިސްތާން ވެސް ކުރިމަތިލާން ޖެހިދާނެ ކަމުގަ އެވެ. ޕާކިސްތާނުގެ ރައީސް ޢާސިފް ޢަލީ ޒަރުދާރީ ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށްވުރެ ޕާކިސްތާނަށް މުހިއްމީ ޕާކިސްތާނުގެ ގައުމީ މަސްލަހަތު ކަމަށް ވިދާޅުވެ މި މަޝްރޫޢު ކުރިޔަށް ގެންދިޔުމުގައި އެއްވެސް ފަރާތަކުން ކުރިމަތިކޮށްފާނެ ފިއްތުންތަކަށް ޕާކިސްތާނުން ބޯނުލަނބާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)