ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިރޭ އޭސީމިލާން އާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު އެޓީމަށް އުނދަގޫވާނެ ކަމުގައި ބާސާގެ ކުރީގެ ތަރި ލުއިސް ސުއަރޭޒް ބުނެފި އެވެ.

ބާސާގެ ދަނޑަށް މިރޭ މިލާނުން ނުކުންނައިރު، އެޑްވާންޓޭޖެއް އޮތީ މިލާނަށެވެ. މިލާންގެ ސެންސީރޯގައި ބާސާ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ނަމަވެސް މިލާންއިން ކުއާޓާގެ ޖާގަ ކަށަވަރުކުރަން ބޭނުންނަމަ، މިރޭގެ މެޗުގައި މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

"ބާސާ އަށް ފަސޭހައެއް ނުވާނެ. 2-0 ލަނޑުގެ ނަތީޖާއަކީ ނުރައްކާތެރި ނަތީޖާއެއް. ހުރިހާ ކަމެއް އެނގޭނީ ފުރަތަމަ ހާފްގެ ތިރީސް މިނެޓް ކުޅެވުމުން. ބާސާ އަށް އޭރު ލަނޑެއް ކާމިޔާބުކުރެވިއްޖެނަމަ، އެކަން ފަސޭހަ ވެދާނެ. ނަމަވެސް މިލާން އަކީ ނުރައްކާ ޓީމެއް." ސުއަރޭޒް ބުންޏެވެ.

1955 ވަނަ އަހަރުން 1961 ވަނަ އަހަރާއި ހަމައަށް ބާސާގެ ޓީމުން ސުއަރޭޒް ފެނިފައިވެއެވެ. އޭރު ސުއަރޭޒްވެގެންދިޔައީ ބާސާގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށެވެ. ބާސާގެ މިހާރުގެ ޓީމަށް ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އަށް އެޓީމުގެ ކުޅުމަށް ހޭނިދާނެކަމަށް ގަބޫލުކުރެ އެވެ.

"ނޭމާގެ ކިބާގައި ރަނގަޅު ފެންވަރެއް އެބަހުރި. އަދި ބާސާގެ ކުޅުމަށް އޭނާ ހޭނިދާނެ ކަމުގެ ޔަގީންކަން އެބައޮތް. ބާސާއަށް އަންނަ ކުޅުންތެރިންނަކީ ހަމައެކަނި މޮޅެތި ކުޅުންތެރިންތަކަކަށް ވެގެން ފުދޭކަން ނޯންނާނެ. އެމީހުންގެ ކުޅުމަށް ހޭނުމަކީ އުނދަގޫކަމަކަށް ވާނެ." ސުއަރޭޒް ބުންޏެވެ.

ބާސާ ވަނީ ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުން ކަޓާފަ އެވެ. އަދި ޗެމްޕިއަންސް ލީގުން މިރޭ ބާސާ ކަޓައިފިނަމަ، އެޓީމަށް މިސީޒަނުގައި ލިބެން އޮތް ހަމައެކަނި ތައްޓަކަށް ވާނީ ސްޕެނިޝް ލަލީގާ އެވެ.