މާލޭ ދެކުނު ހާބަރު ފަޅުގައި އޮތް ދޯންޏެއްގައި ބަނގުރާ ވިއްކަމުން ދިޔަ ބަނގުލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓް ހިންގެވުމާ މިވަގުތު ހަވާލު ހުންނެވި ސަބް އިންސްޕެކްޓަރު މުހައްމަދު ދާވޫދު މިއަދު ވިދާޅުވީ ފަޅުގައި އޮތް ދޯނީގައި ބަނގުރާ ބަހައްޓައިގެން ރަނލުގެ ވިޔަފާރި ކުރަމުން ދިޔަ ބަނގުލަދޭޝްގެ މުހައްމަދު މުކުލް މިއާ ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރޭގައި ކަމަށެވެ.


ދާވޫދު ވިދާޅުވީ ދެކުނު ފަރާތު ހާބަރު ފަޅުގައި އޮތް ދޯނީގައި ބަނގުރާ ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ދޯންޏަށް އަރާ މުކުލް މިއާގެ ހާޒިރުގައި ދޯނި ފާސް ކުރި އިރު ދޯނީގެ ގެގަޑުގެ ތެރޭގައި ހުރި ގޮނޑިއެއްގެ ދަށުގައި ވޮލާޑިކާ މަރުކާގެ އަށް ކޭސް  ބަނގުރާ ހުރި ކަމަށެވެ.


އެއީ އެއް ލީޓަރުގެ 47 ފުޅި ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.


ފުލުހުން ބުނީ އެ ދޯނި ފަޅުގައި ބާއްވައިގެން ބަނގުރަލުގެ ވިޔަފާރި ކުރަމުންދާތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


މި ދޯންޏާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.