ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އެމްޑީޕީން މިމަހުގެ ފަސް ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލް ކުރިމަތީގައި ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގާފައިވާތީ ހޯދަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެދުވަހު މާލޭ ސިޓީ ކައުންސިލް ކުރިމަތީގައި ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި ހަތަރު މީހަކު ހޯދުމަށް ފުލުހުން އާންމުކުރި ވީޑިއޯ އިން ފެންނަ މީހެއްކަމަށްވާ މާލޭ ބްލޫބާޑުގޭ ހުސައިން އަބްދުﷲ 26، ހައްޔަރު ކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން މިއަދު ކަމަށެވެ.

އޭނާ ހައްޔަރު ކުރީ މިއަދު މެންދުރުފަހު 3:30 ހާއިރު ބްލޫބާޑުގޭތެރޭގައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހުސައިން އަބްދުﷲ އާއިލާއިން އެކަން ދޮގުކުރެ އެވެ.

އޭނާގެ ބޭބެ މިއަދު ބުނީ ކޮއްކޮ ހައްޔަރު ކުރީ ގޭގައި ހުއްޓާ ނޫން ކަމަށާއި ކޮއްކޮ ހައްޔަރު ކުރީ ވަޒީފާގައި ހުއްޓައި ފުލުހުން ގުޅައިގެން ގެ ކައިރިއަށް ގެނެސްގެން ކަމަށެވެ.

ފުލުހުން އާންމުކުރި ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެކަން ފުލުހުންގެ އިދާރާއަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

http://www.youtube.com/watch?v=dg5hu9Rrupg&