11 Mar 2013, 20:47
ބޭސް ފަރުވާ ކުރުމަށް ސްރީލަންކާއަށް ދާ ދިވެހީންނަށް މިހާރަށް ވުރެ ދިގުމުއްދަތަކަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާއަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް އިތުރު މުއްދަތަކަށް ވިސާ އާކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފައި ވަނީ މިއަދު ކަމަށެވެ.
ލަންކާ ސަރުކާރުން އެގޮތަށް ހަމަޖެއްސުމާ ގުޅިގެން މިހާރު އޮންނަ އޮން އެރައިވަލްގައި ލިބޭ އެއް މަސް ދުވަސް، ތިން މަސްދުވަހާ ހަމައަށް އިތުރުކޮށްދޭގޮތަށް ހަމަޖެހިފައި އޮންނަ އޮތުމުގެ އިތުރަށް އިތުރު މުއްދަތެއް ލިބޭނެ ކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ ލަންކާ ސަރުކާރުން ދިވެހީންނަށް މިއަދު ހަމަޖައްސައިދިން އިނާޔަތުގެ ދަށުން ވިސާ ލިބޭ އުސޫލުތައް ވަރަށް އަވަހަށް ހަމަޖައްސައި ދެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހާރުވެސް ލަންކާއަށް އޮން އެރައިވަލް ވިސާ ލިބޭގޮތަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހީންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށެވެ. ދިވެހީންނަށް ހަމަޖައްސައިދިން އާ އިނާޔަތަކީ ރާއްޖެއާ ލަންކާއާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރި ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް އެހީވުމުގެ ރޫހުގައި އެ ގައުމުގެ ސަރުކާރުން ދިވެހީންނަށް ދިން ހާއްސަ އިނާޔަތެއް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.