ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިމަހުގެ26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭސީސީ ޓުވެންޓީޓުވެންޓީ ކްރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައި، އެ ޓީމަށް ހިތްވަރު ދެއްވައިފި އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި އެބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އޭ.ސީ.ސީ.ގެ ކްރިކެޓް މުބާރާތްތަކުގައި، ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް، މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން، ތިން ފަހަރެއްގެ މަތިން ތަށި ހާސިލު ކޮށްފައި ވާތީ، އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ މުބާރާތުގައިވެސް ހިތްވަރާއެކު ކުޅެ، މުބާރާތް ކާމިޔާބުކޮށް، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގައި ކްރިކެޓް ކުޅޭ ކުޅުންތެރިންގެ ޢަދަދު އިތުރުކުރުމަށާއި އަދި މިކަމަށް ޢާންމުންގެ ތަރުޙީބު ބޭނުންވާ ކަމަށާއި، މިރޮނގުން ކުރައްވާ މަސައްކަތްތަކުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރާ ބެހޭ މިނިސްޓްރީން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރާއްޖޭގައި ކްރިކެޓް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތާނގައި، ކްރިކެޓް ކުރިއެރުވުމަށް އިތުރު މަސައްކަތްތައް ކުރެވި، ރާއްޖެއަށް އިތުރު ކާމިޔާބީ ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިފަހަރުގެ އޭސީސީ ކުރިކެޓް މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމުން 14 ކުޅުންތެރިންގެ ސޮކޮޑެއް ވަނީ ނަގައިފައެވެ. އަދި ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ތިން އަހަރު ރާއްޖޭގައި ބޭއްވުނު އެކިއެކި މުބާރާތްތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ އަބްދުﷲ ޝާހިދެވެ.

އޭސީސީ ޓްވެންޓީ ޓްވެންޓީ ކުރިކެޓް މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބައްވާ ގައުމުކަމުގައިވާ ނޭޕާލާ ދެކޮޅަށެވެ. އަދި ސިންގަޕޫރާއެކު މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ މެޗެއް ކުލޭއިރު، ތިންވަނަ މެޗުގައި ރައްޖެ މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ. އަދި ހަތަރު ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށް މިމަހުގެ 31 ވަނަ ދުވަހުއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ޓީމް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށް ފުރުމަށް ހަމަޖެހިފައި ވަނީ އަވަށްޓެރި ސްރީ ލަންކާގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ގައުމީ ކުރިކެޓް ޓީމް ލަންކާއަށް ދިއުމަށް ފުރާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ރައީސް މިއަދު ގައުމީ ކުރިކެޓް ޓީމަށް ހިތް ވަރު ދިނުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ޝަރީފާއި، ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓް އަޙްމަދު ޙަސަންދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.