ރައްޔިތުން މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީގު ކުރުން ލާޒިމްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒް ބިލްގައި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅޭތީ އެކަމާ ދެކޮޅަށް މީޑިއާގެ ހައްގުގައި މަސައްކަތްކުރުމުގެ ގާނޫނީ ޒިންމާ އެޅިފައިވާ މޯލްޑިވުސް މީޑިއާ ކައުންސިލް އިން ތެދުވެއްޖެ އެވެ.

މީޑިއާ ކައުންސިލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީލް ވިދާޅުވީ އިމްތިޔާޒް ބިލްގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ކަމަށާއި އެގޮތުން އެކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެ ކައުންސިލުން ނުކުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އިމްތިޔާޒް ބިލްގެ 17 އަދި 18 ވަނަ މާއްދާގައި ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި، ހަމަ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ ކަމަށް ބުނެފައިވުމާއި އެކަންތަކާ ހިލާފްވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ ޖަލަށް ލުމަށް ހުކުމް ކުރެވެން އޮތް އޮތުމަކީ ގާނޫނު އަސާސީސީ އިން ނޫސްވެރިންނަށް ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

ހަލީލް ވިދާޅުވީ އިމްތިޔާޒްގެ ބިލްގައި ނޫސްވެރިކަމަށް ހުރަސްއެޅޭ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެކަންތައްތައް އުވާލުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މީޑިއާތަކާ ބައްދަލުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށާއި އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކުރުމާއި އެ މައްސަލާގައި ކޯޓަށްދާ ފަރާތްތަކާ އެކު ބައިވެރިވުމުގެ އިތުރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ފެހި ސިގްނަލެއް ދީފައިވޭތޯ ސަން އިން ސުވާލުކުރުމުން ހަލީލް ވިދާޅުވީ މިހާތަނަށް އެއްވެސް ފަރާތަކުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ފެހި ސިގުނަލެއް ދީފައިނުވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެދާނެ ނޫސްވެރިންނަށް ވަކި ކޮން އިމްތިޔާޒްތަކެއްހޭ އޮންނަންވީ، ނޫސްވެރިންނަށް ވަކި ކޮންތަފާތެއްހޭ އޮންނަންވީ. ވަރަށް ތަފާތު، ނޫސްވެރިކަން ތަފާތު. އެކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ބަޔާން ކޮށްދޭ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ މާއްދާއެއްގެ ގޮތުގައި ވަކިން ބަޔާންކޮށްފައި މިވަނީ ނޫސްވެރިކަން ތަފާތުވީމާ." ހަލީލް ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މީޑިއާ ކައުންސިލްގެ މެމްބަރު އަދި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މިއީ އާ ގާނޫނު އަސާސީ ފާސްވުމަށް ފަހު ރާއްޖޭގެ މީޑިއާއަށް ދީމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ހުރިހާ މީޑިއާއެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަ ކަމަށެވެ. އަދި އެ ގާނޫނުގައި ނޫސްވެރިނަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އޮތުމަކީ ނޫސްވެރިކަން ފަހަތަށްޖެހި ނޫސްވެރިންނަށާއި މައުލޫމާތުދޭ ފަރާތްތަކަށް ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ.

އިމްތިޔާޒް ބިލްގެ މައްސަލާގައި ދުނިޔޭގެ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ރާއްޖޭގެ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އެމްޖޭއޭ އިން ވަނީ އެ މައްސަލަ ސުޕުރީމް ކޯޓަށް ހުށައަޅާނެ ކަމަށް ބުނެފަ އެވެ.