ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގާނޫނާއި ހިލާފަށް ކަންކަން ކުރައްވަމުންދާތަން ފެންނަމުންދާ ކަމަށާއި އެކަމާ މެދު ޕީޕީއެމް ވަރަށް ކަންބޮޑުވާ ކަމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ މަޖިލީސް މެންބަރުންގެ އިމްތިޔާޒާއި ބާރުތަކުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލް މިއަދު ތަސްދީގު ކުރެއްވުމަށް ރައީސަށް ގޮވާލުމަށް ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޔާމިން ވަނީ ރައީސް ވަހީދަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

"އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން ވަރަށް ކަންބޮޑުވޭ. ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައް ކުރައްވަމުން ނުގެންދާތަން އަޅުގަނޑުމެނަށް މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ އިމްތިޔާޒްގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ލާޒިމްވާ ގޮތަށް މަޖިލީހުން ފާސްކުރުމަށް ފަހު ވެސް އެ ދެ ބިލް ތަސްތީގު ކުރައްވާފައިނުވާތީ ޔާމީން ވިދާޅުވީ ގާނޫނު އަސާސީ ދެމެހެއްޓުމަށް އެންމެ ފުރަތަމަ "އެންމެ ވަރުގަދައަށް" މަސައްކަތް ކުރައްވަން ޖެހޭނެ ބަޔަކީ ސަރުކާރުން ކަމަށް ޕީޕީއެމް ގަބޫލުކުރާ ކަމަށާއި ނަމަވެސް ރައީސްގެ ފަރާތްޕުޅުން އެކަން ފެންނަމުން ނުދާ ކަމަށެވެ.

"އެންމެ ފުރަތަމަ ގާނޫނު އަސާސީ ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރަން ޖެހޭނީ ސަރުކާރުން. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު އަސާސީގެ ހުކޫމަތު ދަމަހައްޓަން ގާނޫނު އަސާސީން ވަސިއްޔަތްކޮށްފައި އޮތް ފަރާތެއް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއާ އެއްގޮތައް ނިންމީމަ ގާނޫނު އަސާސީ ދެމެހެއްޓީމަ އަޅުގަނޑުމެން ޕީޕީއެމް އެ ދޭކަމެއް،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށް ވީނަމަވެސް އެ ދެ ބިލް ތަސްތީގު ނުކުރައްވާ ބާއްވާފައި ވަނީ ޕީޕީއެމާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާއި ނަމަވެސް ގާނޫނާއި އެއްގޮތަށް ކަންކަން ކުރެއްވުމަށް ރައީސަށް އެ ޕާޓީން ގޮވާލާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެނަކީ މި ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށްވީ ނަމަވެސް ގާނޫނު އަސާސީ އާ އެއްގޮތަށް ކަންކަން ކުރެއްވުމަށް އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރަން." ޔާމީން ވިދާޅުވި އެވެ.