ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލަފާ އަރުއްވާފައިވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކުރޫ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މިއަދުގެ ކުއްލި ބައްދަލުވުމަށް ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އާޒިމާ ވިދާޅުވީ ދެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސް ވަހީދަށް ލަފާ އަރުވާފައި ވާނީ އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާގެ ތެރެގައި ކަމަށެވެ.

ނަމަވެސް އެ ބިލް ތަސްދީގު ނުކުރައްވައި، އޮތީ ކޮން ސަބަބަކާ ހުރެ ކަން އެނގިވަޑައިނުގަންވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެހެންކަމުން އެ ދެ ބިލް ތަސްދީގު ނުކުރައްވާ މައްސަލާއާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމަށް އެކަމަނާ ދެކޮޅު ހެއްދެވި އެވެ. "ލަސްވި ސަބަބެއް ނޭނގޭ ސިދާ ވަކި ޖަޖުމަންޓެއް މިއަދު ވަގުތު ނުނެރެވޭނެ. އެކަމާ މެދު ވަކި ގޮތެއް ނުނިންމޭނެ،" އާޒިމާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ކުރެއްވުގެ ކުރިން އެ ބިލުގައިވާ މާއްދާއެއްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެ ބިލް ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރައްވާ ވަގުތުން ފެށިގެން ޕާޓީތަކެއް އުވިގެންދާނެތީ އެކަމުގެ ސަބަބުން ކުދި ޕާޓީތަކަށް ލިބޭނެ ގެއްލުމާ މެދު ދައުލަތުގެ ކަންބޮޑުވެވައިގެން ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އެކަމަކީ ކުރައްވަން ޖެހޭނެ ކަމެއްގެ ގޮތޮގައި ދެކިވަޑައިގެން ކަމަށާއި އެއީ ގާނޫނީ ގޮތުން ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ދައުލަތު މަސްލަހަތު އެބަ އޮތް ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"ދައުލަތުގެ މަސްލަތު އޮތް ކަމަށްވާ ނަމަ ކޯޓަށް ދިއުމަކީ މައްސަލައެއް ނޫން. ދައުލަތުގެ މަސްލަހަތު އަޅުގަނޑު ކޮންމެހެން މި މާނަ ކުރަނީ ކޮންމެހެން ސަރުކާރުގެ މަސްލަހަތެއް ނޫން. އޭގައި ރޫލް އޮފް ލޯ އަޕް ހޯލްޑް ކުރުމަށް ކަމެއް ކުރައްވަން ޖެހިއްޖެ ނަމަ އެއީ އެއްވެސް މައްސަލައެއްނޫން،" އާޒިމާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މަޖިލީސް ތަމްސީލް ކުރައްވާ ބޮޑެތި ހުރިހާ ޕާޓީތަކުން ވެފައިވާ އެއްބަސްވުމެއްގައި ބުނެފައި ވަނީ ގާނޫނަކަށް ވުމުގެ ކުރިން ބިލެއް ހިފައިގެން ބަންޑާރަ ނައިބަށް ކޯޓަށް ވަޑައިނުގަނެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ހުށަހަޅުއްވާފައިވާ ބިލް އަނބުރާ ގެނައުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ވަނީ ބަންޑާރަނައިބަށް އަންގަވާފަ އެވެ. ނަމަވެސް އެކަމާ އާޒިމާ ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.

ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ތަސްދީގު ކުރެއްވުން ލަސްވަމުންދާތީ އެ ދެ ބިލް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފި އެވެ.