11 Mar 2013, 17:26
މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރުން ލާޒިމް ކުރުވާފައިވާ މަޖިލީހުގެ އިމްތިޔާޒީ ބިލާ ދޭތެރޭގައި ދުނިޔޭގެ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ،އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައިއެފްޖޭ އިން ބުނެފައި ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި ގާނޫނަކަށް ވެގެންދާނޭ އެ ބިލްގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑަށް އަސަރު ކުރާނޭ ކަމަށެވެ. ހަމަ އެއާ އެކު އެ ބިލްގެ 17 ވަނަ މާއްދާގެ (ހ) އާއި ބެހޭ ގޮތުން އައިއެފްޖީގެ މެންބަރެއް ކަމަށްވާ މޯލަޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ފާޅުކޮށްފައިވާ ކަންބޮޑުވުން އައިއެފްޖީ އިން ވަނީ ފާހަގަކޮށްފަ އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިން ބުނެފައި ވަނީ އެ މާއްދާގައި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމެޓީ އަށް ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި، ހަމަ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނެ ދީފައިވާ ބާރުތަކަކީ ގާނޫނު އަސާސީ އިން މިނިވަން ނޫސްވެރިކަމަށް ދީފައިވާ ހައްގުތައް ހަނިވެގެން ދާނޭ ކަމެއް ކަމަށެވެ.
އައިއެފްޖޭ އިން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހި ރާއްޖެއަކީ ނޫސްވެރިކަމުގެ މައުލޫމާތުތައް ރަށްކާތެރިކޮށް ހިފެހެއްޓުމަށް ގާނޫނީ ގޮތުން ބާރު ލިބިދީފައިވާ، މަދު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އެގޮތުން ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމަށް ހާއްސަ ހައްގުތަކެއްދީފައިވާ އިރު، އެ މާއްދާގެ ފަހު ޖުމްލައިގައި ބުނަނީ މީޑިއާއަކުން ޝާއިއު ކުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން އައިފްޖޭ އިން ވަނީ "ނޫސްވެރިންނާއި އަދި ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ މަތިވެރި ހައްގުތަކެއް ނިގުޅައި ގަނެވޭ ގޮތަށް" ފާސްކޮށްފައިވާ ބިލާ ދޭތެރޭ އިތުރު ވިސްނުމަކަށް ދިއުމަށް ގޮވާލާ ކަމަށެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މި އަހަރު ކުރީ ކޮޅުގައި ނެރެފައިވާ "ޕްރެސް ފްރީޑޮމް އިންޑެކްސް 2013" ގައި ރާއްޖެ ވަނީ 30 ދަރަޖަ ފަހަތަށް ޖެހި 103 ވަނަ އަށް ވެއްޓިފަ އެވެ. ފައިބެ އަހަރު ރާއްޖެ އޮތީ އެލިސްޓުގެ 73 ވަނައިގަ އެވެ.