11 Mar 2013, 17:23
ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށި ވިއްކުވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ސ. ހުޅުދޫ ހޭޅި އިބްރާހީމް މަނިކާއި ހަމައެރަށު ހިކިއުނިމާގޭ ހުސައިން މަނިކުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިޚް އަޙްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 14 އަހަރުގެ އަންހެން ކުއްޖަކަށް މަޖުބޫރުކޮށްގެން ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެއްސެއްގެ ގާތަށް އެކުއްޖާ ފޮނުވައި މަޖުބޫރުން އެކުއްޖާގެ ހަށިވިއްކުވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އެ ދެ މީހުންވެސް ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.
ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ކުއްޖެއްގެ މަންމަ އާއި ދައްތައެއްގެ މައްޗަށް މިދިޔަ އަހަރު ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.