11 Mar 2013, 16:49
ސިޔާސީ ޕާޓީތަކުގެ ބިލާއި މަޖިލީހުގެ އިންތިޔާޒުތަކުގެ ބިލު ތަސްދީގުކޮށް މިއަދު ގެޒެޓްގައި ޝާއިއު ކުރުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ގޮވާލިއިރު، އެ ދެ ބިލް މިއަދު ތަސްދީގު ކުރައްވާ ގޮތަށް އިމްތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ތަސްދީގު ކުރެއްވުން ލާޒިމްވާ ގޮތަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ދެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރުމަށް އެކަށީގެންވާ ވަގުތުތަކެއް ދެވިއްޖެ ކަމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަލުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބިލް މިއަދު ތަސްދީގުކޮށް ގެޒެޓްގައި ޝާއިރު ކުރުމަށް ގޮވާލައި މަޖިލީހުގައި ހިމެނޭ އެމްޑީޕީއާއި ޕީޕީއެމްއާއި ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީއޭއިން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ވެސް މަޝްވަރާކޮށްގެން ނެރުނު އެ ބަޔާނުގައި ބުނެފައިވާ ގޮތަށް ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ރައީސް މުހައްމަދު ވަހީދު މިއަދު ތަސްދީގު ކުރައްވާނެތޯ ރައީސް އޮފީހުގެ މީޑިއާ ސެކަރެޓީ މަސްއޫދު އިމާދަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ބިލެއް ތަސްދީގު ނުކުރެއްވުމަށް ރައީސް މަސައްކަތްޕުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލްތައް ތަސްދީގު ކުރެއްވުމަށް ޕާޓީތަކުން ގޮވާލެއްވި އިރު، މިއަދު އެ ދެ ބިލް ތަސްދީގު ކުރެއްވުމަށް އިމްތިޒާތަކެއް ރައީސް އޮފީހުން ހަމަޖައްސާފައިވާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
"އެ ބިލްތައް ތަސްދީގު ކުރައްވާ ގޮތަށް މިއަދު ހަމަޖައްސާފައި އޮތީ. ބިލުގެ ލިޔުންތައް ފޮޓޯ ކޮޕީނަގައި އެ އިމްތިޒާމްތައް ހަމަޖައްސާފައި އޮތީ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ އެ ބިލްތައް މިއަދު ތަސްދީގު ކުރައްވާނީތޯ ނުވަތަ ނޫންތޯ،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބިލްތައް މިއަދު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުން އިމްތިޒާތަކެއް ހަމަޖެއްސީ އެ ބިލްތަކުގެ އިމްލާ ކުށްތައް އިސްލާހުކޮށް، މަޖިލީހުން ފޮނުއްވާފައި ވާތީ ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ޕާޓީތަކުން އެ ދެ ބިލް މިއަދު ތަސްދީގު ކުރެއްވުމަށް ބާރުއަޅުއްވަމުން ގެންދަވާ އިރު، ރައީސް ވަހީދު މިއަދު އެ ދެ ބިލް ތަސްދީގު ކުރެއްވާނެތޯ ކުރި ސުވާލަށް މަސްއޫދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ހަމައެކަނި ވިދާޅުވީ އެކަމުގައި ގޮތް ނިންމަވާނީ ރައީސް ކަމަށެވެ.
ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާ ބިލަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްތުން ފާސްވެއްޖެ ނަމަ އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރާންވާނެ އެވެ.