14 Oct 2010, 08:18
އަންނަ މަސް ފެށުމުގެ ކުރީން 12 ކައުންޓަރުން ހިދުމަތް ދޭނެކަމަށް އެއްބަސްވުމަށް ފަހު، ލޭބާ މިނިސްޓްރީ ދޮށަށް އެއްވި މީހުންގެ ވަފުދާއި އެ މިނިސްޓްރީގެ އޮފިޝަލުންގެ މެދުގައި ބޭއްވި ބައްދަލުވުން ނިންމާލައިފި އެވެ.
ލޭބާ މިނިސްޓްރީ ދޮށަށް މިއަދު ހެނދުނު އެއްވި މީހުންގެ ތެރެއިން ހަތަރު މީހަކާ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މާހިދު ޝަރީފާއި މިނިސްޓަރުގެ ނައިބު މަރިޔަމް ޝިފާޔާ ބައްދަލު ކުރައްވާފައިވެ އެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާ ބައްދަލުކޮށް އެ ތަނުން މީހަކު ބުނީ ބައްދަލުވުމުގައި އެ މީހުންގެ ޝަކުވާތައް ވަރަށް ވެސް ސާފުކޮށް ކިޔާދީފައި ވާނޭ ކަމަށެވެ.
"އަޅުގަނޑުން މިތަނަށް އަންނަ އިރު ހުންނަނީ ތިން ކައުންޓަރު ހުޅުވާފައި. ދުއިސައްތަ ނަންބަރު ދޫކުރިއަސް ހިދުމަތް ދެނީ ފަންސަވީހަކަށް މީހުންނަށް. ޖެހިގެން އަންނަ ދުވަހު އޮންނަނީ ޖޫރިމަނާވެފައި،" ހަތަރު މީހުންގެ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހަކު ބުންޏެވެ.
"ބައްދަލުވުމުގައި މިނިސްޓްރީން ބުނި މި މަސް ނިމުމުގެ ކުރިން ބާރަ ކައުންޓަރުގައި ހިދުމަތް ދޭން ފެށޭނެ ކަމަށް. މިއަދު އެއްވެސް ޖޫރިމަނާއެއް ނުނަގާނެ ކަމަށް ބުނި އަދި ވަގުތު ވެސް އިތުރުކުރާނެ ކަމަށް ބުނި. މި ގޮތަށް ވަރަށް ފޮނި ވާހަކަ އަޅުގަނޑުމެންގެ ގާތުގައި ދެއްކި." އޭނާ ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މާހިދް ޝަރީފް ވިދާޅުވީ މަސައްކަތް ހަލުއި ކުރުމަށް މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ކައުންޓަރުތަކުފައި ހިދުމަތް ދިނުމަށް އިތުރު މުވައްޒަފުންނަށް އިއުލާނު ވެސް ކޮށްފައި ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 12 ކައުންޓަރު ހުރި ކަމުގައިވިއަސް މިހާރު ހިދުމަތް ދެމުންދަނީ 6 ކައުންޓަރަކުންކަމަށެވެ.
"ކައުންޓަރުތަކުގައި މަސައްކަތް ކުރަނީ ހަ މުވައްޒަފުން. ބައެއް ބޭފުޅުން ބަލިވެސް ވާނެ. އެހެންވެ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ކޮންމެވެސް ވަރަކަށް ދަތިވަމުން ދާކަމަށް ގަބޫލުކުރަން." މާހިދު ވިދާޅުވި އެވެ.
ހިދުމަތް ނުދޭކަމަށް ބުނެ މިއަދު ހެނދުނު 9:18 ހާކަންހާއިރު އެ މިނިސްޓްރީ ދޮށަށް ގިނަ އަދެއްގެ ބަޔަކު އެއްވި އެވެ. އަދި އެއްވި މީހުން ވަނީ މިނިސްޓްރީގެ ގޭޓުގައި ބޮޑު ތަޅެއް ވެސް އަޅުވާފައި އެވެ. އެ މީހުން އެޅުވި ތަޅު ހުޅުވާފައި ވަނީ ފުލުހުން ގޮހެވެ.