ތަސްދީގު ކުރެއްވުން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުވާ ގޮތަށް ޑީއާރްޕީ އިން ވޯޓް ދީގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލުގެ ދެ މާއްދާ އަކަށް އިސްލާހު ހުށައެޅުމަށް ޑިއާރްޕީ އިން ނިންމައިފި އެވެ.

ޑިއާރްޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ ޕާޓީ އިން އިމްތިޔާޒްގެ ބިލަށް ދެ އިސްލާހެއް ހުށައެޅުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެއީ އެ ބިލްގެ އަަށް ވަނަ މާއްދާގެ (ޅ) ގައި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސުކީމެއްގެ ދަށުން ބޭސްފަރުވާ ކުރެވޭ ގޮތަށް އޮންނަ މާއްދާ އާއި އެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ ދެ މާއްދާ އުނިކުރުމަށް ކަމަށެވެ.

"އެ ދެ މާއްދާ އުވާލުމަށް އަޅުގަނޑުމެން އިސްލާހު ހުށައަޅާނަން، ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރައްވާހާ އަވަހަކަށް. ދެން އެހެން މާއްދާތަކަށް ވެސް އިސްލާހް ހުށައެޅުމަށް އަޅުގަނޑުމެން މިދަނީ ވިސްނަމުން،" މައުސޫމް ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒް ބިލްގައި ނޫސްވެރިންނަށް ލިބިދޭ ހައްގުތަކަށް ފުށުއަރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މައުސޫމް ވިދާޅުވީ އެ ބިލްގައި ބުނާ ގޮތުން މަޖިލީހަށް ހާޒިރުކުރާ ނޫސްވެރިންނާއި އާންމުންނާ ދެމެދު ތަފާތެއް ނޯންނަ ގޮތަށް އޮތް އޮތުން ޑީއާރްޕީ އިން ބޭނުން ވަނީ ނޫސްވެރިންނާ މަޝްވަރާކޮށް ނޫސްވެރިންނަށް ދަތިނުވާ ގޮތަށް އެ ބިލް އޮންނަން ކަމަށެވެ.

އިމްތިޔާޒް ބިލަށް ޑިއާރްޕީން ދެ އިސްލާހެއް ހުށައެޅުމަށް ނިންމާފައިވާ އިރު އެ ބިލްގެ ސަބަބުން ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސްތަކެއް އެޅޭ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަނީ އެ ބިލް ތަސްދީގްކުރާހާ އަވަހަށް އެ ބިލް ސުޕުރީމް ކޯޓަށް ވެއްދުމަށެވެ.