ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފަށް މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނީގެ ލޯގޯ ފޮނުވަމުންދާ މައްސަލަ ހައްލުކުރަން އެންގުމުން އެކަން އިސްލާހުކޮށްފައިނުވާތީ 2000ރ. އިން މީޑިއާނެޓު ޖޫރިމަނާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ 11 ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް މީޑިއާނެޓަށް އިއްޔެ ވަނީ އަންގައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެގޮތަށް ނިންމީ، މީޑިއާނެޓްގެ ސެޓްޓޮޕް ބޮކްސް އިން މީޑިއާނެޓްގެ ލޯގޯ ނެގުމަށް ސޮފްޓްވެއާއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް އެއް މަސް ދުވަހުގެ މުއްދަތު ނަގާނެ ބުނުމުން އެކަން އިސްލާހު ކުރަން އެއްމަސް ދުވަސް ދިނުމުން ވެސް މީޑިއާ ނެޓުން އެކަން އިސްލާހުކޮށްފައިނުވާތީ ކަމަށެވެ.

މީޑިއާ ނެޓަށް އެއްމަސް ދުވަސް ދިނުމުން އެކުންފުނިން އެދުމުން އެކޮމިޝަންގެ މޮނިޓަރިން އެންޑް އިންޖިނިއަރިން ޑިޕާޓްމަންޓުން މީޑިއާ ނެޓަށް ޒިޔާރަތްކުރުމަށްފަހު ހުށަހަޅައިފައިވާ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު، މީޑިއާނެޓްގެ ސެޓްޓޮޕް ބޮކްސްއިން މީޑިއާނެޓްގެ ލޯގޯ ނެގުމަށްޓަކައި ސޮފްޓްވެއައަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް، ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތު ދީފައިވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ. ނަމަވެސް އެއް މަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް މީޑިއާނެޓުގެ ލޯގޯ އިސްލާހުކޮށްފައި ނުވާތީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ނިންމީ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަން ވާނީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށް ފެއްތުމަށްޓަކައި އުނިކުރެވޭ އުނިކުރުން ފިޔަވައި އިތުރު އެއްވެސް ބަދަލެއް ނުގެނެސް، އެ ކޮންޓެންޓްގެ ފީޑް ލިބެމުންދާ ގޮތަށް ކަމަށެވެ.

ގަވާއިދުގައި އެގޮތަށް ބުނެފައި އޮތްނަމަވެސް މީޑިއާ ނެޓުގެ ރީބްރޯޑްކާސްޓް ފީޑުގައި އެ ތަނުގެ ލޯގޯ އާއި އެހެނިހެން ވިޔަފާރި ނަންތައް އަރުވާކަން ފާހަގަކުރެވިފައި ވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28 އަދި 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ފިޔަވައި އިތުރު ކޮންޓެންޓް ފޮނުވުން ވަގުތުން ހުއްޓާލުމަށް މީޑިއާ ނެޓަށް މީގެކުރިން އަންގާފައިވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.