11 Mar 2013, 15:22
އެންޓިކޮރަޕްޝަން ކޮމިޝަންގެ ތެރެއަށް ވަދެ އަޑުގަދަކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ މއ. އެވާގްލޯރީ އަބްދުﷲ އާރިފްގެ މައްޗަށެވެ. ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ގާނޫނީގޮތުން ބާރުލިބިފައިވާ ފަރާތެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އާރިފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:36 ހާއިރު އެންޓިކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ހުއްދަ ނެތި އެތަނުގެ ތެރެއަށް ވަދެ އެ ކޮމިޝަންގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް އަޑުގަދަކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާރިފްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގައި ބުނަނީ އެ ގާނޫނު ހިންގުމުގައި ގާނޫނީގޮތުން ބާރުލިބިފައިވާ އެއްވެސް ފަރާތަކުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއަޅައިފި މީހެއްގެ އަދަބަކީ ގިނަވަގެން ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުން ކަމަށެވެ.