މާލޭގައި ޖުވާ ކުޅުނު ކަމަށް ތުހުމަތު ކުރެވޭ 12 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.

ޖުވާ ކުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޖުވާކުޅުމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ މީހުންނަކީ މއ. އޮޅުގިރި ހަމްޒާ މުހައްމަދާއި ހ. ލަގްޒަރީހޯމް ރީހާން މުހައްމަދާއި ހ. ބްލޫޕާލް އަހްމަދު ޝައްފާނާއި ހ. ރަތުލޯގޭ އަހްމަދު ޝިވާޒާއި މާލޭ ބޯވެލިގޭ އަހްމަދު އަލީ އާއި ހ. ބުލޫޕާލް އަހްމަދު ހާއިޒް މުހައްމަދާއި މާލޭ އިތާމުތްގޭ އިބްރާހީމް ހަމްދާނާއި ހ. ލާކް އިބްރާހީމް ހަލީމާއި މަލޭ ޒަބަރުޖުދުގޭ މުހައްމަދު އައުޒަމް އިބްރާހިމާއި މާލޭ ޕެޓީބާޑް ހުސެއިން ޝަމްއާނާއި މ. އާމިރާމަންޒިލް އާދިލް ރަޝީދުގެ އިތުރުން ރ. ރަސްމާދޫ ސިމްލާ އިސްމާއީލް އަރީޝްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ 12 މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު މ. އަމީރާމަންޒިލް ގޭގެ ކޮޓަރިއެއްގެ ތެރޭގައި ތިބެ ޖުވާކުޅެފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އެ އެންމެން ވެސް ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.