11 Mar 2013, 15:18
ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް މަޖިލީހުން ފާސްކުރި ސިޔަސީ ޕާޓީތަކުގެ ބިލާއި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޕީޕީއެމްއާއި ޑީއާރްޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން މަޝްވަރާކޮށް، މިއަދު ނިންމާފައިވާ ނިންމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިޑީޔާއާ ހިއްސާ ކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސް އާންމު ކުރައްވާފައިވާ ބަޔާނުގައި ބުނަނީ ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުތަކުގެ ބިލް ތަސްދީގު ކުރުމަށް ރައީސްއަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުން ގަބޫލު ކުރާތީ މިއަދުން މިއަދަށް އެ ބިލް ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ނުކުރައްވަނީސް ދައުލަތުގެ ބަންޑާރަ ނައިބު އެ ބިލު ހިފައިންގެ ސްޕްރީމް ކޯޓަށް ވަޑައިގެންނެވޭނެ ކަމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ޝާހިދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ތަސްދީގު ނުކުރާ ބިލެއްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ސްޕްރީމް ކޯޓަށް ވެއްދި މައްސަލާގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ. ބަންޑާރަ ނައިބު ކޮމެޓީއަށް ހާޒިރު ކުރުމަށްޓަކައި އެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަގެންދެ އެވެ.