ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެމްޑީޕީން މާލެ ތެރޭގައި ސިލްސިލާކޮށް ކުރި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނާ ހަތަރު މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިބާ ހަތަރު މީހުންނަކީ ރ. އަލިފުށި ނިޝާން، އާދަމް ޢަޒްމީ 24، އާއި އދ. މަހިބަދޫ ރޭވިލާ، ޢަލީ އަޙްމަދު 39، އާއި ނ. ފޮއްދޫ ޗަންޕާޕޫލްގެ، ޢަލީ އިރުޝާދު 22،ގެ އިތުރުން ގދ. ފިޔޯރި ފިނިވިލާގެ، އަޙްމަދު ރަޝީދު 20، އެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އާދަމް ޢަޒްމީގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ފެބްރުއަރީ 19 ވަނަ ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ސަފުތަކުގެ ތެރެއަށް ގަލާއި ފުޅި އުކުމަށް ހިތްވަރުދިން ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެންނެވެ. އަދި ޢަލީ އަޙްމަދުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހަމަ އެ ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާ ގުޅިގެންނެވެ.

ދައުވާ ކުރަން ޕީޖީ އަށް ފޮނުވި ހަތަރު މީހުންގެ ތެރެއިން ހަމައެއާ އެކު ޢަލީ އިރުޝާދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ސަފުތަކުގެ ތެރެއަށް ފުޅިފަދަ ތަކެތި އުކައި ސަލާމަތީ ގޮތުން ފުލުހުން ބަހައްޓާފައިވާ ބެރިކޭޑްތައް ކޮއްޕާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެންނެވެ.

މީގެ އިތުރުން އަހްމަދު ރަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާ ގުޅިގެންނެވެ.