11 Mar 2013, 13:13
ތަސްދީގު ކުރެއްވުން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލުގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ އެ ބިލް ތަސްދީގުވުމުން ސުޕުރީމް ކޯޓުގައި ޗެލެންޖު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އޭސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ އެމްޖޭއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ބިލު ތަސްދީގުވުމުން ސުޕުރީމްކޯޓުގައި ޗެލެންޖު ކުރުމަށް އެ ޖަމިއްޔާ އިން ނިންމާފައިވާ އިރު އެ ޖަމިއްޔާގެ ލޯޔަރުންގެ ގޮތުގައި އެހީތެރިވެ ދެއްވަނީ ގާނޫނީ ވަކީލު އަލްއުސްތާޒު ހުސްނުއްސުއޫދާއި އަލްއުސްތާޒު އަލީ ހުސައިން ކަމަށެވެ.
އެމްޖޭއޭ އިން ބުނީ އިމްތިޔާޒުގެ ބިލުގެ 17 ވަނަ މާއްދާގެ "ހ"ގައި ނޫސްވެރިން އިސްތިސްނާ ކުރުމެއް ނެތި، ހަމަ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން އެންގިދާނެ މީހެއް ކަމަށް ބުނުމަކީ ނޫސްވެރިކަމަށް ގާނޫނު އަސާސީން ދީފައިވާ ސޭފްގާޑްތައް ނައްތާލުން ކަމަށެވެ.
"ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމަށް ހާއްސަ ހައްގުތަކެއްދީފައިވާ އިރު، އެ މާއްދާގެ ފަހު ޖުމްލައިގައި ބުނަނީ މީޑިއާއަކުން ޝާއިއު ކުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިމްތިޔާޒުގެ ބިލުގެ 17 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިނަށް އެފަދަ އެއްވެސް އިސްތިސްނާއެއް ނެތި، މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް، މަސްދަރު ހާމަކުރުމަށް އެންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުން އެއީ އެ ބިލުގެ އެ މާއްދާގެ ސައްހަކަމާ މެދު މި ޖަމިއްޔާއިން ސުވާލު އުފައްދާ ކަމެކެވެ. އަދި މި ޖަމިއްޔާއިން ގަބޫލު ކުރަނީ އެއީ ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައިވާ އެންމެ މުގައްދަސު އެއް އަސާސު ނެތިކޮށްލުން ކަމަށެވެ." އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ އިމްތިޔާޒުގެ ބިލުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ގަދަރަށް އަދި އެ މަޖިލީހުގެ މަސައްކަތަށް "ހުރަހެއް އެޅިދާ ފަދަ ކޮންމެ އަމަލަކީ" މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދާނެ ކަމެއް ކަމަށް އެ ބިލްގައި ބުނެފައިވާ އިރު އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިފައިވާ އަކުރުތަކުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގެއްލުން ދިނުމަކީ ކޮބައިކަން އެހާ ސާފުކޮށް ބަޔާންކޮށްފައި ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ބިލްގައި މަޖިލީހުން ބަލާ ބައެއް މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުނަށް އަދި ދައުވާ ކުރުމުގެ ބާރު ޕީޖީއަށް ދީފައިވީ ނަމަވެސް ބައެއް މާއްދާތައް ކިޔާލުމުން ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީތަކަކީ ތަންފީޒީ އިދާރާއެއް ކަމަށް ދޭހަވާ މާއްދާތައް ހުރިކަން ފާހަގަކުރެވޭކަމަށް ބުނެފައިވެ އެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ބާރުތަކަކާއި އިނާޔަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެބިލް ވަނީ ތިން ރައީސުން ވެސް ތަސްދީގު ނުކުރައްވައި، ފޮނުވާލާފަ އެވެ. ފުރަތަމަ އަނބުރާ ފޮނުވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2006 ވަނަ އަހަރު އެވެ. އެ އަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި އެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރައި ފޮނުވައިލެއްވި އެވެ. ނަމަވެސް އެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސަށް ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ، އަނެއްކާ ވެސް ފާސްކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވީ އެމްޑީޕީ މެންބަރުންނާއި ޑީއާރުޕީ މެންބަރުންނެވެ.