ތައުލީމީ ފަންޑުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރާ 10 ބުރީގެ ޓީޗަރުންގެ ފްލެޓް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.


ކުރީގެ އެމްއީއެސް ކުރިމަތީގައި އޮންނަ 369 ނަމްބަރު ކޮށީގައި ދިހަ ބުރިއަށް ހަދާ އިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީގެ ކުރިފުޅުމަތީގައި މިއަދު ހެނދުނު އަޅައި ދިނީ ޕްރައިމަރީ ސްކޫލްގެ ދެ ދަރިވަރެކެވެ.


އެ ރަސްމިއްޔާތުގައި ޑރ. މުސްތަފާ ވިދާޅުވީ، ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭ ފެށޭނެ ކަމަށާއި އަދި އިމާރާތުގެ މަސައްކަތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ޓީޗަރުންނަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް ކަމަށާއި ފްލެޓުގެ މަސައްކަތް ވަރަށް ބާރަށް ކުރަން ޖެހެނީ އެހެންވެގެން ކަމަށެވެ.


"އަޅުގަނޑުމެން އުއްމީދުކުރަނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް. މިހާރު މާލޭގައި ޓީޗަރުން އެއްގެއިން އަނެއް ގެއަށް ކުއްޔަށް ހުރި ތަނެއް ހުރިތޯ ބަލަން އެބަދޭ. ދެން މިކަމުގެ ސަބަބުން އަޅުގަނޑުމެން އުއްމީދުކުރަނީ ޓީޗަރުންނަށް ފަސޭހަވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.


ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސްވެރިންނާއި ޓީޗަރުންނާއި އަދި ސްކޫލްތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޓީޗަރުންގެ މުހިންމުކަމަކީ އެއްވެސް އިރެއްގައި މި ގައުމުގައި އޮޅިފައި އޮތް ހަގީގަތެއް ނޫން ކަމަށާއި އެމީހުންގެ މުހިންމުކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އަދި މުޖުތަމައުގައި އެންމެންވެސް ބަޔަކަށް ވަނީ ޓީޗަރުން ކެނޑިނޭޅި ކުރާ ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.


"ޓީޗަރުން، ރާއްޖެ މި އޮތް ބައްޓަމަށް ނެރުމަށް ރައްޔިތުން ފައްކާކުރަނީ. ޓީޗަރުން ކެނޑިނޭޅި ކުރާ މަސައްކަތުން އަޅުގަނޑުމެން އެންމެންވެސް ބަޔަކަށް ވެފައި މި ތިބެނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް އިތުރަށް ވިދާޅުވީ، ޓީޗަރުންނަކީ ވަރަށް ޕްރޮފެޝަނަލް މަސައްކަތެއް ކުރުމުގައި އުޅެން ޖެހޭ ބައެއް ކަމަށާއި އެ ވިސްނުން ޓީޗަރުންނަށް ސާފުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމަށް އަންނަމުންދާ ބަދަލުތަކުގައި ކުރިން ނުފެންނަ މަންޒަރުތައް މިހާރު ފެންނަމުންދާ ކަމަށާއި އެ މަންޒަރުތަކުގެ ތެރެއިން "ބޮޑު މަންޒަރު" ކުދިންނަށް ޓީޗަރުން ދައްކައިދޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


"އަޅުގަނޑުމެން ދެކެމުން މިދަނީ މި ބާވަތުގެ ބަދަލެއް އަންނަމުންދާއިރުގައި ނުވެނުދާނޭ، ނުފެނިނުދާނެ މަންޒަރުތަކެއް. އެ މަންޒަރުތަކުގެ ތެރެއިން ދަރިވަރުންނަށް ފުރާނައި، ބޮޑު މަންޒަރު ކުރަހައިދޭން ޖެހޭނީ ޓީޗަރުން. އެ މަންޒަރު، ބޮޑު މަންޒަރު ދަރިވަރުންނަށާއި ރާއްޖޭގައި އަންނަން އޮތް ޖީލުތަކަށް ދައްކުވައިދެއްވާ އިރުގައި ތަރައްގީގެ މަގުގައި ކުރިއަށްދެވޭނެ ސިފަތައް، ގޮތްތައް ދަރިވަރުންނަށް ފެންނަން ޖެހޭނެ" ރައީސް ވިދާޅުވި އެވެ.


މިއަދު ބިންގާ އެޅި ޓީޗަރުންގެ ފްލެޓުގެ މަސައްކަތް އަދި ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި މަސައްކަތަށް ގާތްގަނޑަކަށް އަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހުށަހެޅި ބިޑުތައް ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި އޭގެ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.