11 Mar 2013, 13:04
ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަސްދީގުކުރުމަށް ފޮނުވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލްގައިވާ އިމްލާ ކުށްތަކެއް ފިލުވުމަށްޓަކައި އެ ބިލްގެ ބައެއް އަނބުރާ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތަސްދީގު ކުރެއްވުމަށް ފޮނުއްވާ ބިލްތަކުގައި ކުށް ހުރެއްޖެ ނަމަ އެކުށްތައް ފިލުވުމަށް އެ ބިލްތައް މަޖިލީހަށް ފޮނުވުމަކީ އާއްމު އުސޫލެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބިލްގެ ވެސް ބައެއް މިވަގުތު އޮތީ މަޖިލީގުގެ އިދާރާއަށް ފޮނުވާފައި ކަމަށާއި މިއަދުގެ ވަގުތެއްގައި އެބައިތައް ވެސް އަނބުރާ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލްތައް ތަސްދީގު ކުރެއްވުމުގެ ކުރިން އެގޮތަށް ފާހަގަކުރެވޭ ކުށްތައް ފިލުވުމަށް މަޖިލީހަށް ފޮނުވުމަކީ ނޯމަލް ޕްރޮސީޖާއެއް، މަޖިލީހުން މިހާރު ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލް ވެސް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ތައްޔާރަށް. އެކަން ވީހާ ވެސް އަވަހަކަށް ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ތެރޭގައި ފާސްކޮށްފައިވާ އެ ދެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވާ ލަސްކުރައްވަމުން ގެންދަވާތީ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެމްބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.