11 Mar 2013, 12:44
އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ގުޅިގެން ރާއްޖޭގެ ސަރަހައްދު މޮނީޓާކުރުމަށް އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަދުން ފެށިގެން މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ އޮޕަރޭޝަނަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭތެރެ ދޭތެރެއިން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަންގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވައިގެ މަގުން ބެލުމުގައި ބޭނުންކުރަނީ އިންޑިއާ ނޭވީގެ ޑޯނިއާ މަތިންދާ ބޯޓެއް، ދެން ކަނޑުމަގު ބެލުމަށް ބޭނުންކުރާނީ އެމްއެންޑީއެފް ކޯސްޓްގާޑް،" އަބުދުﷲ އަލީ ވިދާޅުވި އެވެ.
އެމްއެންޑީއެފް އާއި އިންޑިއާއާއި ނޭވީ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު މި ދެގައުމު ގުޅިގެން ކޮންމެ އަހަރަކު ވެސް ދަނީ ތަމްރީން ޕުރޮގުރާމް ތަކާއި ހާއްސަ އޮޕަރޭޝަންތައް ވެސް ދޭތެރެ ދޭތެރެއިން ހިންގަމުންނެވެ.