11 Mar 2013, 12:43
ރައީސުލް ޖުމްހޫރިއްޔާ ތަސްތީގު ކުރެއްވުން ލާޒިމްވާ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ މަޖިލީސް މެންބަރުންގެ އިމްތިޔާޒުތަކުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްތީގު ނުކުރައްވާ ލަސްވަމުންދާ މައްސަލައިގައި މަޖިލިސް ހޫނުވުމާ ގުޅިގެން އެކަން ހައްލު ކުރުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މިއަދު ހުއްޓަލައިފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގެ މަރުހަލާގައި މެންބަރުން އަޑުގަދަކޮށް މަޖިލިސް ހޫނުވެފައި ވަނީ ތަސްތީގު ކުރުން ލާޒިމްވާ ގޮތަށް މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލްގެ ތަސްތީގު ނުކޮށް އެ ބިލްގެ މައްސަލަ ސްޕްރީމް ކޯޓަށް ފޮނުވުމުން އެ ކަމަކީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަގަން ފެށުމުންނެވެ.
ސަރުކާރުން ހުށަހަޅުއްވާފައިވާ ދައުލަތުގެ މަސްއޫލު މަގާމުތައް ފުރަމުންދާ މީހުންގެ މުދަލާއި ފައިސާ ހާމަ ކުރުމުގެ ބިލަށް ބަހުސް ކުރަމުން ދަނިކޮށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ނަންގަވަން ނިޒާމް މައްސަލަ ނަންނަގަވައި ވިދާޅުވެފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް، ގާނޫނަކަށް ނުވަނީސް އެ ބިލުގައި ވެސް މައްސަލައެއް ހިފައިގެން ކޯޓަށް ނުދެވޭނެ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު އެކި ފަހަރުގެ މަތީން ނިޒާމީ މައްސަލަ ނަންގަވާ ވިދާޅުވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްތީގު ކުރެއްވުމަށް ފަހު އެ ގާނޫނުގައި ގާނޫނު އަސާސީގެ އެހެން މާއްދާތަކާއި ފުށުއަރާ މައްދާއެއް ވާނަމަ އެ މާއްދާއެއް ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ދިއުމަކީ މައްސަލަ އެއްނޫން ކަމަށާއި ނަމަވެސް އެ ބިލް ތަސްތީގު ނުކުރައްވާ ދައުލަތުން އެ ބިލް ހިފައިގެން ސްޕްރީމް ކޯޓަށް ދިއުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އެ މައްސަލަ އެގޮތައް ނަންގަވާން ފެށުމުން މަޖިލީސް ހޫނުވެ އަޑު ގަދަވުމުގެ ސަބަބުން މަޖިލީސް ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ހުއްޓާލާފަ އެވެ.
އަދި އޭގެ ފަހުން މަޖިލީސް މިއަދަށް މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލެއް ތަސްތީގު ނުކުރައްވާ ލަސްވަމުންދާ މައްސަލައިގައި މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުންދާތީ މަޖިލީހުގައި ތަމްސީލް ކުރައްވާ ޕާޓީތަކުގެ ލީޑަރުންނާއި އެކަމާއި ގުޅޭ މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ. އަދި އެ މަޝްރާތައް ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާ ހުއްޓާލެއްވި ކަން ޝާހިދު އިއުލާން ކުރެއްވީ މިއަދު މެންދުރުފަހު މަޖިލިސް އަލުން ފަށަން ބޭއްވި ޖަލްސާގަ އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލާއި މަޖިލީސް މެންބަރުންގެ އިމްތިޔާޒްތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާލެއްވުން އެ ދެ ބިލް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ ތަސްތީގުކުރުން ލާޒިމްވާ ގޮތަކަށެވެ. އެހެން ނަމަވެސް އެ ދެ ބިލް ތަސްތީގު ނުކުރައްވާ އޭގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުވެއްޖެ ނަމަ، އުވިގެންދާ ސިޔާސީ ޕާޓީތަކުގެ މާލީ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަށްޓައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
މި މަހު ހަތް ވަނަ ދުވަހު ސްޕްރީމް ކޯޓަށް ބަންޑާރަ ނައިބު އޮފީހުން ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާއިމެދު އަދި މިހާތަނަށް ވެސް ގޮތެއް ނިންމާފައިނުވާ ކަމަށް އެ ކޯޓުން މިއަދު ވަނީ ބުނެފަ އެވެ.