ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެފްއެމް ޕްލަސް ޚިލާފުވެފައިވާ ކަމަށް ނިންމައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ދި އެފްއެމް ޕްލަސްއިން މާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ އެގޮތަށް ދިއެފްއެމް ޕްލަސް އަށް އަންގާފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެ 10:00 ގައި އެތަނުން ގެނެސްދިން ޚަބަރުގައި އޮރިޔާން ކާޑު ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ ކަމަށެވެ.

އަންނަ ބުދަ ދުވަހުގެ ކުރިން އެއްވެސް ޝަރުތެއް ނެތި އެއް ދުވަހުގެ ހެނދުނު 8:00 އާއި 11:00 އާ ދެމެދުގެ ވަގުތެއްގައި މައާފަށް އެދިނެރޭ ނޫސްބަޔާން ދިއެފްއެމް ޕްލަސް އިން އާންމު ކުރުމަށް ވެސް އެޗެނަލް ހިންގާ މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓަށް އަންގާފައިވާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކަމެއް ތަކުރާރު ނުކުރުމަށާއި، ލައިވް ކޮންޓެންޓް ގެނެސްދިނުމުގައި ސްޓޭޝަންގެ ކޮންޓްރޯލް އޮންނާނޭ ފަދަ ގޮތަކަށް ބްރޯޑްކާސްޓް ކުރުމަށް އެންގުމަށް ފާސްކޮށްފައި ވަނީ އެ މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.