11 Mar 2013, 11:13
ދެކުނު އެފްރިކާގައި ސްކޫލްގައި ކިޔަވަމުންދާ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކު އުމުރުން 61 އަހަރުގެ އަންހެނަކާ ކައިވެނި ކޮށްފިއެވެ.
ދެކުނު އެފްރިކާގެ ޝްވާނޭ އަށް އުފަން އުމުރުން އެންމެ އަށް އަހަރުގެ ސަނީލޭ މެސިލޭލާ، އޭނާއަށް ވުރެ އުމުރުގެ ގޮތުން 53 އަހަރު ދޮށި އަދި ފަސް ކުދިންގެ މަންމައެއް ކަމަށްވާ ހެލެން ޝަބަންގޫ ކިޔާ އަންހެނަކާ ކައިވެނި ކޮށްފައި ވަނީ އޭނާގެ މަރުވެފައިވާ ކާފަގެ "ރޫހު" އޭނާ ކައިރީގައި އެ އަންހެން މީހާއާ ކައިވެނި ކުރަން އެދުމުން ކަމަށް އެ ކުއްޖާ ބުނެފައި ވެއެވެ.
ކައިވެނި ކުރުމަށްޓަކައި ފިރިހެން ކުއްޖާ ވަނީ އެ އަންހެން މީހާއަށް 500 ޕައުންޑް ދީފަ އެވެ. އަދި ދެމަސް ދުވަހުގެ ތެރޭގައި ރޭވުނު ކައިވެނީގެ ރަސްމިއްޔާތަށް އިތުރު 1000 ޕައުންޑުވެސް ދީފައިވާ ކަމަށް ވެއެވެ. ކުޑަކުޑަ ސަނީލޭއާއި އޭނާގެ މަންމަ އަށްވުރެ އުމުރުން ދޮށި ޝަބަންގޫއާ ކައިވެނި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 100 ވަރަކަށް މެހެމާނުންގެ ކުރިމަތީގަ އެވެ.
ތުއްތު ސަނީލޭގެ ކައިވެނީގެ ސަބަބުން މީހުންތައް ވަނީ ވަރަށް ބޮޑަށް ހައިރާން ވެފަ އެވެ. އެހެން ނަމަވެސް އާއިލާގެ ފަރާތުން ވަނީ އެކަން ދިފާއުކޮށް އެއީ ހަމަ އެކަނި ރަސްމެއް ކަމަށާއި ގާނޫނީ ގޮތުން ކައިވެނި ކުރުން ނޫން ކަމަށް ބުނެފަ އެވެ.
ސަނީލޭގެ 46 އަހަރުގެ މަންމަ ޕޭޝަންސް މަސިލޭލާ ބުނެފައި ވަނީ މިއީ އެ އާއިލާގައި އެފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށާއި ސަނީލޭއަށް ނަންދެވިފައިވަނީ އޭނާގެ ކާފަގެ ނަމާ ގުޅުވައިގެން ކަމަށެވެ. އަދި ސަނީލޭގެ ކާފަ ދުވަހަކުވެސް ކައިވެނީގެ އެފަދަ ރަސްމިއްޔާތެއް ނުބާއްވާ ކަމަށާއި "ޝަބަންގޫ އަކީ ސަނީލޭގެ ކާފަ އެންމެ ލޯބިވާ އަންހެން މީހާ ކަމަށް ވުމުން ޝަބަންގޫއާ ކައިވެނި ކުރުމަށް ސަނީލޭގެ ކާފަވަނީ އެދިފައި" ކަމަށެވެ. އެހެން ކަމުން އާއިލާ އުފާ ކޮށްދިނުމާއި ކާބަފައިންގެ ރުހުން ލިބިގަތުމަށް އެ ކައިވެނި ކުރުމަށް ނިންމީ ކަމަށް ތުއްތު ސަނީލޭގެ މަންމަ ބުނެފައި ވެއެވެ.
ކައިވެނީގެ ހަފްލާއަށް ފަހު ޝަބަންގޫ ބުނެފައިވަނީ އޭނާ އެކައިވެންޏާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އަދި އެ އުމުރުގެ ކުއްޖަކާ ކައިވެނި ކުރުމަކީ ގޯހެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ސަނީލޭ ވެސް އެކައިވެންޏާ އުފާވާ އިރު އެކަމުގައި ގޯހެއް ނެތްކަމަށް އޭނާ ބުންޏެވެ.
ސަނީލޭ ބުނީ އޭނާ ހެލެން ޝަބަންގޫއާ ކައިވެނި ކުރީ އެކަމަށް ބޭނުން ވެގެން ކަމަށާއި އަދި ކައިވެންޏަށް ފަހުވެސް އެނާ އެހެން ކުދިންނާ އެކު ސްކޫލަށް ގޮސް ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށް މަސައްކަތް ކުރާނޭ ކަމަށެވެ. އަދި އޭނާ ބޮޑުވުމުން އޭނާއާ އެއް އުމުރުގެ އަންހެނަކާ އަދި ކައިވެނި ކުރާނީ ކަމަށް އޭނާ ބުންޏެވެ.