11 Mar 2013, 11:04
ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ހާލަތު އެތައް ގުނައަކަށް ދަށަށްގޮސްފައިވާ ކަމަށް ބުނެ އެފެޑެޜޭޝަންގެ ރައީސްގެ މަގާމްގައި ހުންނެވި މުހައްމަދު މާހިދު ޝަރީފް ވީ އެންމެ އަވަހަކަށް ރައީސްކަމުން އިސްތިއުފާ ދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރައީސް ކަމުގެ މަގާމުގައި ހުންނެވި މާހިދު އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނެ ރާއްޖޭގެ 14 ބޮޑީ ބިލްޑަރަކު ސޮއިކޮށް،ފައިވާ ޕެޓިޝަން، އެބިލްޑަރުން ވަނީ ހަތަރު ތަނަކަށް ހުށަހަޅާފައެވެ. އެގޮތުން އެތަންތަނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާއި ކުޅިވަރުގެ ގައުމީ މަޖިލީހާއި ޔޫތް މިނިސްޓްރީ އަދި ބޮޑީބިލްޑިންފެޑަރޭޝަންގެ އެގްޒެކްޓިވް ކޮމެޓީއެވެ. އަދި އެޕެޓިޝަންގެ ކޮޕީއެއް ވަނީ ސަން އޮންލައިނަށް ވެސް ލިބިފައެވެ.
ރައީސް ކަމުގެ މަގާމްގައި މާހިދު ހުންނަވައިގެން އޭނާ އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރާކަމަށް ބުނެ، "ސަން އޮންލައިނާ" ވާހަކަ ދެއްކި ބައެއް ބިލް ޑަރުން އިއްޔެ ބުނީ، މާހިދު މަގާމާ ހަވާލުވި ފަހުން ތަނުގެ ކުރިއެރުމަށް އެއްވެސް ވަރަކަށް ކަންކަން ކޮށްފައި ނުވާކަމަށާއި އެގޮތުން ވޭތުވެދިޔަ ތިން އަހަރު އެފެޑަރޭޝަންގެ ހާލަތު އެތައް ގުނައަކަށް ދަށަށްގޮސްފައިވާ ކަމަށެވެ. އަދި މިހާރުވެސް މާހިދު އަކީ ފެޑަރޭޝަންގެ ރައީސް ކަމުގެ އިތުރުން ކުޅުވަރާ ބެހޭ ވުޒާރާގެ ޕާމަނަންޓު ސެކްރެޓަރީއަށް ވުމާއެކު ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް މަގާމްގައި ހުންނެވުމަކީ ނުހަނު ބޮޑަށް އެކަމުގައި "ކޮންފްލިކްޓް އޮފް އިންޓަރެސްޓް" އޮތް ކަމެއް ކަމަށް އެބިލްޑަރުން ފާހަގަ ކުރެއެވެ.
އަދި އެބިލްޑަރުންތައް ބުނީ، މާހިދުގެ ކަންތައް ހުރިގޮތުން ފެޑަރޭޝަންގެ ހާލަތު ދަށްގޮސްފައިއޮތް އޮތުމާއެކު މާހިދު މަސައްކަތް ކުރައްވަނީ އޭނަގެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރުއްވުމަށް ކަމަށެވެ. ހަމައެޔާއެކު ބެޑްމިންޓަން އެސޯސިއެޝަންގެ ރައީސްކަމަށް މާހިދު ކުރިމަތިލި ކުރިމަތި ލުމަކީ ވެސް ބޮޑީ ބިލްޑިން ފެޑަރޭޝަންއާ މެދު އެއްވެސް ވަރަކަށް އޭނަގެ ވިސްނުންފުޅު ނުބަހައްޓަވާކަމުގެ ހެއްކެއް ކަމަށް ވެސް އެބިލްޑަރުން ބުންޏެވެ.
މިކަމާ ގުޅިގެން ސަންއޮންލައިނާ ވާހަކަ ދައްކަވަމުން ބޮޑީބިލްޑިން ފެޑަރޭޝަންގެ ރައީސްގެ މަގާމްގައި ހުންނެވި މުހައްމަދު މާހިދު ޝަރީފް މިއަދު ވިދާޅުވީ، އެޕެޓިޝަން އޭނައަށް ލިބިފައިވާ ކަމަށާއި އަދި އެޕެޓިޝަން ހުށަހެޅުމުގައި އުޅުއްވާ ބައެއް ބިލްޑަރުންނާ އިއްޔެ އޭނަ ބައްދަލުކުރި ކަމަށެވެ. އަދި އެބައްދަލުވުމަށްފަހު އެމީހުން އެ ހުށަހެޅި ބައެއް ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ވެސް މާހިދު ވިދާޅުވިއެވެ. އަދި މާހިދު ވަނީ އޭނާއާ ބެހޭގޮތުން އެޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ދޮގު ކުރައްވައިފައެވެ.