ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަނުކޮށް ސިއްރު ކުރުމުގެ ބާރު ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ވަނީ ލިބިދީފަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފައިވާ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ބިލުގައި ގާނޫނުއަސާސީއާ ފުށުއަރާ ބައެއް މާއްދާތައް ވަނީ ހިމަނައިފަ އެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހިޔަނި އެޅިފައިވާއިރު އެ ބިލުގެ 17 ވަނަ މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ކޮންމެ މީހަކު ވެސް ހާޒިރުކޮށް، އެމަޖިލީހުން ބޭނުންވާ ހެކިބަސް ހޯދުމަށާއި އެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅެމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ. އެހެން ކަމުގައިވާއިރު ގާނޫނޫ އަސާސީގެ 28 ވަނަ މާއްދާއިން މަސްދަރު ހާމަނުކޮށް ހިފެހެއްޓޭނެ ކަމަށް ބުނެފައިވާ އެއްޗަކާ އެމާއްދާއާ ފުށުއެރުންތަކެއް އެބަ ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ބިލުގައި ވާ ކަންބޮޑުވާ މައްސަލަތަކެއް ފާހަގަކޮށް މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމަށް ހާއްސަ ހައްގުތަކެއް ދީފައިވާ އިރު، އެ މާއްދާގެ ފަހު ޖުމްލައިގައި މީޑިއާއަކުން ޝާއިއު ކުރާ މައުލޫމާތެއް ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު އިމްތިޔާޒް ބިލްގެ 17 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިނަށް އެފަދަ އެއްްވެސް އިސްތިސްނާއެއް ނެތި މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް، މަސްދަރު ހާމަކުރުމަށް އެންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުން އެ ބިލްގެ އެ މާއްދާގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ބިލްގައިވާ ބައެއް މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދެކޭ ކަމަށްވެސް އެމްޖޭއޭއިން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ރާއްޖޭގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޮތް ފުރުސަތު ހަނިކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވައިގެން ކަމުގައިވާއިރު މަޖިލީހުގެ އިމްތިޔާޒުގެ ބިލު ފާސްކުރުމަށް އެމްޑީޕީގެ މެންބަރުން ވޯޓް ދެއްވާފައިވުމަކީ ކުރިން އެޕާޓީން ދެކުނު ގޮތް ބަދަލުކުރުން ކަމަށް މާނަ ކުރެވިދާނެތޯ އެމްޖޭއޭއިން ވަނީ ސުވާލު އުފައްދާފަ އެވެ.

މަޖިލީހުގައި ފާސްކޮށްފައިވާ އެބިލަށް ވޯޓް ދެއްވާފައިވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ޑީއާރުޕީގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައިވާއިރު މަޖިލީހުގެ ބައެއް މެންބަރުންނާ މެދު ތުހުމަތުކުރެވޭ ބައެއް ކަހަލަ ކޮރަޕްޝަންތަކުގެ ވާހަކައިގެ އިތުރުން އެމަޖިލީހުގައި ހިމެނިވަޑައިގެންނަވާ ބައެއް މެމްބަރުންގެ ޖިނާއީ މައްސަލަތަކުގެ ވާހަކަތައް މީޑިއާތަކުގައި ހާމަކުރަމުން ގެންދާ ދިއުމާ މެދު މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ބިލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ވަޙީދު ވެސް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ. އަދި މިފަހަރު އެ ބިލު ތަސްދީގު ކުރުމަށް މަޖުބޫރުކޮށް ފާސްކޮށްފައިވާއިރު ތިން ރައީސުން ވެސް އެ ބިލް އަނބުރާ ފޮނުއްވާލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނުބައްދަލު ބާރުތަކެއް ނަގައިފައިވާ ކަމަށް ވިދާޅުވެ އެވެ.

އެ ބިލްގެ 18 ވަނަ މާއްދާގައި ހ ގެ ދަށުން އެމަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާ ކުރެވޭ ސުވާލަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދާރީވާން ޖެހެއެވެ. އެހެން ކަމުގައިވާއިރު އެ މީހަކު މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހަށް ހާޒިރުކުރެވެނީ އެމީހަކު ހާމަކޮށްފައިވާ މައުލޫމާތެއް ހޯދި ގޮތެއް ނުވަތަ މަސްދަރު ހޯދުމަށް ކަމުގައިވާނަމަ އެ ބާރު ވެސް އެބިލުން މަޖިލީހަށް ވަނީ ލިބިދީފަ އެވެ. މިއީ ނޫސްވެރިންނަށް ނުވަތަ މީޑިއާތަކަށް މައުލޫމާތުތައް ހާމަކުރާ ފަރާތްތަކަށް ވެސް ބޮޑު ކަންބޮޑުވުންތަކާ ކުރިމަތިވެގެންދާނެ މައްސަލައެކެވެ.

ޝާއިއުކުރެވޭ ހަބަރެއްގެ ނުވަތަ ފަތުރާ މައުލޫމާތެއްގެ ސައްހަކަން ހޯދުމުގެ ބޭނުމުގައި ނަމަވެސް އެ މީޑިއާ ސްޓޭޝަކުން ނުވަތަ އެ ހަބަރެއް ގެނެސްދޭ ފަރާތަކުން ވެސް ހާމަނުކުރާ މަސްދަރު ހާމަކުރުމުގެ އުސޫލެއް މިހާތަނަށް ވެސް ޕްރެކްޓިސްވެގެން އައިސްފައެއް ނުވެ އެވެ. އަދި އެފަދަ މައުލޫމާތެއް ހާމަކުރުމުގެ އެންމެ ފަހު މަރުހަލާއަކީ ޝަރުއީ މަރުހަލާ ކަމުގައިވާއިރު އެނޫން ގޮތަކަށް އެފަދަ މައުލޫމާތުތައް ހާމަވެގެން ދިއުމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމުގައި ބެލެވެ އެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ 18 ވަނަ މާއްދާާއާ ހިލާފުވެއްޖެ މީހަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންވެރިވި މީހަކު ކަމުގައި ކަނޑައަޅައި އަދަބުތަކެއް ދިނުމަށް ކަނޑައަޅައިފައިވެ އެވެ. އެގޮތުން 1000ރ. އާއި 3000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ތިނެއް ނުވަތަ ހައެއް މަސް ދުވަހަށް ޖަލަށް ލެވޭނެ ކަމަށް ކަނޑައަޅައިފައިވެ އެވެ. މިއީ ވެސް ނޫސްވެރިން ހަގީގަތް ހާމަކުރުމުގައި ފަސްޖެހި ޖެހިލުންވާ ފަދަ ގޮތަކަށް އެބިލްގައި ހިމަނައިފައިވާ މާއްދާ އެކެވެ.

އެބިލުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ އިއްޒަތާއި ގަދަރަށް އަދި އެ މަޖިލީހުގެ މަސައްކަތަށް "ހުރަހެއް އެޅިދާ ފަދަ ކޮންމެ އަމަލަކީ" މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދާނެ ކަމެއް ކަމަށް ބުނެފައިވާއިރު އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިފައިވާ އަކުރުތަކުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގެއްލުން ދިނުމަކީ ކޮބައިކަން އެހާ ސާފުކޮށް ބަޔާންކޮށްފައެއް ވެސް ނުވެ އެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެވެނީ ކޮން ހާލަތްތަކެއްގައި ސާފުކޮށް ބަޔާންކޮށްފައިނުވާއިރު އެ މާއްދާގެ ދަށުން ވެސް 500ރ. އިން 1000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމަށް ކަނޑައަޅައި ތިން މަސް ނޫނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.

ގާނޫނުއަސާސީއާ ހިލާފުވާފަދަ ގޮތަކަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލް އެއްޗެއް ކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އެގާނޫނުގެ އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގަކަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ 17 ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރިއިރު އެބިލް އެ އޮތް ގޮތަށް ފާސްވެގެން ދިއުމަކީ ހަމަ ޔަގީންނުން ވެސް މިނިވަން ނޫސްވެރިކަމަށް އެޅިގެންދާ ކަޅު ހިޔަންޏަކަށް ނޫނީ ނުވާނެ އެވެ.