ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޚާއްސަ މަންދޫބަކަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަންގު އާދަމް މަނިކު ހަމަޖައްސަވައިފި އެވެ.


ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބަކަށް އާދަމް މަނިކު ހަމަޖެއްސެވި ނަމަވެސް އެ މަގާމަކީ އެއްވެސް މުސާރައެއްދޭ މަގާމެއް ނޫން ކަމަށެވެ.

"އެ މަގާމަކީ އެއްވެސް މުސާރައެއް ދޭ މަގާމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވަމުންގެންދަވާ އާދަމް މަނިކު ފަހަކަށް އައިސް ވަނީ ރައީސް ވަހީދަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އެންމެ މީހަކު މަދުވެގެން ގައުމީ އިއްތިހާދު ޕާޓީ އުވޭ ނަމަ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އާދަމް މަނިކަށް ގުޅާލުމުން ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.