ހއ. ފިއްލަދޫ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުންދާ ކަމުގެ ތުހުމަތުގައި ތިން މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.


ފިއްލަދޫ ގޭގޭގެ ގިފިލިތަކުގައި ކުޑަ ކެމެރާ ޑިވައިސްއެއް ހަރުކޮށްގެން މީހުންގެ ބަރަހަނާ މަންޒަރުތައް ރިކޯޑު ކުރަމުންދާ ކަމަށް ބުނެ، ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން، ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުންހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.


ފިއްލަދޫގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ އިސް މީހަކު މިއަދު ވިދާޅުވީ އެ ރަށު ގޭގޭގެ ކޮޓަރިތަކާއި ފާހާނާތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް، ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުންދާކަން ފަޅާ އަރައިގެން ހައްޔަރުކުރީ އެ ރަށު ވީސަންގޭ އަބްދުއްރަހުމާން ޝަރީފާއި ރައީބީއީމަންޒިލް އަހުމަދު ޝަހީމާއި ވޮޝިންޓަން ހައުސް އަހުމަދު ވަހީދު ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ރޭ ދަންވަރު 12:30 ގައި ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.


އޭނާ އަދި ވިދާޅުވީ ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެ ރަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ  ތިން މީހުން ކަމަށެވެ.


މި މައްސަލަ ފުލުހުންނަށް ހުށަހެޅި ފަރާތުން ނަން ހާމަނުކުރުމަށް އެދި މިއަދު ބުނީ ރަށުގެ ގޭގޭގެ ކޮޓަރިތަކާއި ފާހާނާ އާއި ގިފިލިތަކުގައި އެ މީހުން ކެމެރާ ހަރު ކުރަނީ ކަރަންޓް ރީޑީން ނަގަން ވަންނަ ވަގުތުތަކުގައި ކަމަށާއި އެ ގޮތަށް ވަދެ އެމީހުން ބޭނުންވާ ގެއެއްގެ ވަކި ތަނެއްގައި ތިން ހަތަރު ދުވަސް ވަންދެން ޑިވައިސް ހަރުކޮށްގެން އުޅޭ ކަމަށެވެ.


"އަޅުގަނޑުގެ ގޭގައި ވެސް ހަރު ކުރި. ޒުވާން އަންހެން ކުދިން އުޅޭ ހުރިހާ ގެއެއްގައި އެމީހުން ވަނީ ކެމެރާ ހަރުކޮށް މަންޒަރުތައް ރިކޯޑު ކޮށްފައި،" އެމީހާ ބުންޏެވެ.


އޭނާ ބުނީ މި ކަން ފަޅާ އެރީ ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އެކެއްގެ ކޮމްޕިއުޓަރުގައި ހުރި އެއްޗެއް ނަގަންވެގެން ރަށު އޮފީހުގައި އުޅޭ ކުއްޖަކު އެ ކޮމިޕިއުޓަރު ބެލިއިރު އޭގެ ތެރެއިން ފޮޓޯތަކާއި ވިޑިއޯތައް ފެނުމުން ކަމަށެވެ.


"ފެނުނީމާ އައިސް އަޅުގަނޑު ގާތުގައި ބުނީމަ އަޅުގަނޑު ރިޕޯޓް ކުރީ،" އޭނާ ބުންޏެވެ.


އެއްހާހަށް ވުރެ ގިނަ މީހުން އުޅޭ ފިއްލަދޫގައި 200 އެއްހާ ގެ ހުރެ އެވެ. އެ ރަށުގެ ބައެއް މީހުން މިއަދު ބުނީ ގާތްގަނޑަކަށް ހުރިހާ ގެއެއްގައި ކަހަލަ ގޮތަކަށް އެމީހުން ކެމެރާ ހަރުކޮށްފައިވާ ކަމަށާއި މިކަން ފަޅާއަރައި ތިން މީހުން ހައްޔަރު ކުރުމުން ވަރަށް ގިނަ ބަޔަކަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.


"ސްކޫލްގައި އުޅޭ ބޮޑެތިވަމުން އަންނަ ކުދިންނާއި ޒުވާން އަންހެން ކުދިން ރޮނީ. އަޅުގަނޑުގެ 18 އަހަރުގެ އަންހެން ދަރިފުޅު މިއަދު އައިސް ބުނަނީ ބައްޕާއޭ ގިފިލި ހިޔާ ކޮށްދޭށޭ. ވަރަށް އެބަ ބިރު ގަނެއޭ،" އެކަކު ބުންޏެވެ.


މައްސަލަ ރިޕޯޓް ކުރި ކަމަށް ބުނާ މީހާ ބުނީ އެ ވީޑިއޯތަކާއި ފޮޓޯތަކަކީ އެމީހުން ވިޔަފާރިއަށް ބޭނުން ކުރާ އެއްޗެއް ކަމެއް ނޭނގޭ ކަމަށާއި އެ ބޭނުންކޮށްގެން އެއްވެސް ކަމެއް މިހާތަނަށް ކޮށްފައިވާ ކަން އަދި އެނގިފައި ނުވާ ކަމަށެވެ.


"އެކަމަކު އަޅުގަނޑުގެ ދަރިފުޅުގެ ވީޑިއޯވެސް އެބަހުރި ކަމަށްވޭ. ނޭނގެ އަޅުގަނޑުމެން ދެމަފިރިންގެ ވީޑީއޯތައް ނެތްކަމެއް ވެސް،" އޭނާ ބުންޏެވެ.