11 Mar 2013, 10:29
އިނގިރޭސީ ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް އެންފީލްޑްގައި ރޭ ކުޅުނު ފޯރިގަދަ މެޗު ތިނެއް ދޭކުން ޓޮޓެންހަމް ބަލިކުރުމަށްފަހު ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުން ގެންދާ މަސައްކަތުގެ އުއްމީދު އާކޮށްފި އެވެ.
ލިވަޕޫލަށް ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދައި ދިނީ އެޓީމުގެ އުރުގުއޭ ސްޓްރައިކަރު ލުއިސް ސުއަރޭޒް 21 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބު ކޮށްދީގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނިޓުގައި ޖޭން ވަޓޮންގަން ކާމިޔާބުކޮށްދިން ލަނޑުން ސްޕާސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި 53 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ވަޓޮންގަން ވަނީ ދޭއް އެކަކުން ޓޮޓެންހަމްއަށް ކުރި ހޯދައިދީފަ އެވެ. އެހެން ނަމަވެސް މެޗުގެ 66 ވަނަ މިނިޓުގައި ސްޓިއުވާޓް ޑައުނިން ކާމިޔާބުކޮށްދިން ލަނޑުން ލިވަޕޫލްވަނީ ނަތީޖާ އަލުން ހަމަހަމަ ކޮށްފަ އެވެ. އަދި 82 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އެއް ކާމިޔާބު ކޮށްގެން ލިވަޕޫލަށް މެޗުގެ ކުރި އަލުން ހޯދައިދިނީ އެޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ.
ރޭގެ މެޗުން މޮޅުވުމުން ލިވަޕޫލް އެޓީމުން ލީގުގައި މިހާތަނަށް 29 މެޗު ކުޅެގެން 45 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އަދި ޓޮޓެންހަމް އޮތީ 54 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގަ އެވެ. 71 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ޔުނައިޓެޑް އޮތް އިރު 59 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ ސިޓީ އެވެ. އަދި 52 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތީ ޗެލްސީ އެވެ.