ހުސްވި އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން 23 އަހަރުގެ ޒުވާން އަންހެނަކު ރޭޕްކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން އެކަކު، އޭނާ ހައްޔަރުކޮށްފައިވާ ޖަލުގައި ދަންޖެހިގެން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ދިއްލީގައި ހުންނަ ސަލާމަތީ ގޮތުންނާއި އަދި ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ޖަލު ކަމަށްވާ ތިހާރު ޖަލުގައި ދަންޖެހިގެން މަރުވެފައި ވަނީ އަންހެން ކުއްޖާ ރޭޕްކުރި ހާދިސާ ހިނގި ބަސް ދުއްވަން އިން ޑްރައިވަރު ރާމް ސިންގު އެވެ. ބީބީސީގައި ބުނެފައިވާ ގޮތުން ރާމް ސިންގު މަރުވިކަން އޭނާގެ ވަކީލު ވީކޭ އާނަންދު އަށް ހަބަރުކޮށްފައި ވަނީ ޕޮލިހުން ނެވެ. ޖަލުގެ ފާރަވެރިންނާ ހަވާލާދީ އެންޑީޓީވީ އިން ބުނެފައި ވަނީ ރާމް ސިންގު އަމިއްލައަށް ދަންޖެހިގެން މަރުވެފައި ވަނީ ރޭ ފަތިހު އިންޑިޔާ ގަޑިން 5:00 ގަ އެވެ.

ރާމް ސިންގުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ޕޯސްޓްމޯޓެމް ހެދުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުމަށް އަމުރު ނެރެފައިވާ ކަމަށް ތިހާރު ޖަލުގެ ތަރުޖަމާނު ސުނިލް ގުޕްތާއާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން ރާމް ސިންގާއެކު އެމައްސަލައިގައި ހައްޔަރު ކޮށްފައިވާ އަނެއް ހަތަރު މީހުންގެ ވަކީލެއް ކަމަށްވާ ވިވެކް ޝަރުމާ ބުނެފައި ވަނީ ރާމް ސިންގު އަމިއްލަ އަށް ދަންޖެހިގެން މަރުވާން ޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި ހުކުރު ދުވަހު އޭނާއާ ބައްދަލުކުރި ކަމަށާއި ސިންގުގެ ޝަރީއަތް ކުރިއަށްދާގޮތާ މެދު އޭނާ ހުރީ ހިތްހަމަޖެހިފައި ކަމަށް ވެސް ޝަރުމާ ބުނެފައިވެ އެވެ.

ރޭޕްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަނެއް ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ރާމް ސިންގުގެ ކޮއްކޮ މުކޭޝް އާއި ޕަވަން ގުޕްތާ ކިޔާ މީހަކާއި ވިނޭ ޝަރުމާ އަދި އަކްޝޭ ތާކުރު ކިޔާ މީހެކެވެ. އެމީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އަވަސްނިޔާ ކޯޓެއްގަ އެވެ. އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަ ވަނަ ފަރާތަކީ 18 އަހަރުން ދަށުގެ މީހަކަށްވާތީ އޭނާގެ ޝަރީއަތް ކުރިއަށް ގެންދަނީ ކުޑަކުދިންނާ ބެހޭ ކޯޓެއްގައެވެ.

ދިއްލީގެ ތިހާރު ޖަލަކީ އިންޑިޔާގެ އިދާރާތަކުން ބުނާގޮތުގައި މުޅި އޭޝިޔާގައި ވެސް ހުރި އެންމެ ބޮޑު އަދި އިންޑިޔާގައި ހުރި އެންމެ ސަލާމަތީ ގޮތުން ވަރުގަދަ ޖަލެވެ. ފަންސާސް ވަނަ އަހަރު ވެފައިވާ އެ ޖަލުގައި ރަސްމީ ގޮތުން 6000 މީހުން ބޭތިއްބޭ ގޮތަށް ހަދާފައިވީ ނަމަވެސް 12000 މީހުން ބައިތިއްބާފައި ތިބޭ ކަމަށްވެ އެވެ. ސީސީޓީވީ ކެމެރާތަކާއި އަދިވެސް އެފަދަ ވަސީލަތްތަކުން ވަށާލެވިފައިވާ ސަލާމަތީގޮތުން އެހާ ވަރުގަދަ ޖަލެއްގައި ރާމް ސިންގު ފަދަ ބޮޑު ކުށްވެރިއަކު އަމިއްލައަށް މަރުވާން ފުރުސަތު ލިބުނީތީ އިންޑިޔާގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ.