11 Mar 2013, 10:17
އެފްއޭކަޕް ކުއާޓާ ފައިނަލްގައި ރޭ އޯލްޑް ޓަރަފޮޑްގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗުގައި ޔުނައިޓެޑް ދެލަނޑު ސުންލަނޑުގެ ތަފާތަކުން ކުރީގައި އޮއްވައި ފަހަތުން އަރައި ޗެލްސީން ޔުނައިޓެޑާ އެއްވަރު ކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި 75000 ބެލުންތެރީންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަސްވަނަ މިނިޓުގައި މައިކް ކެރިކް ތަނަވަސް ކޮށްދިން ފުރުސަތަކުން ބޮލުންޖަހައި ޗެލްސީގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ހާވިއާ ހެނާންޑޭޒް އެވެ. އަދި އޭގެ ހަ މިނިޓްފަހުން ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދިނީ ލުއިސް ނާނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ވޭން ރޫނީ އެވެ. އެގޮތުން ފުރަތަމަ ހާފް ނިމުނީ ދެލަނޑު ސުންލަޑުން ޔުނައިޓެޑް ކުރީގަ އޮވެގެންނެވެ.
ފަހު ހާފުގައި ޗެލްސީން ކުޅޭން ނުކުމެ 52 ވަނަ މިނިޓުގައި އެ ޓީމުގެ ކޯޗު ރަފާ ބެނިޓޭޒް ވަނީ ޓީމަށް އެއްފަހަރާ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ފްރޭންކް ލަމްޕާޑުގެ ބަދަލުގައި ޖޯން އޮބީ މިކޭލް ކުޅޭން އެރުވި އިރު ވިކްޓާ މޮސެސްގެ ބަދަލުގައި ކުޅޭން ނެރުނީ އެޑެން ހެޒާޑް އެވެ. ޗެލްސީން ގެނައި ބަދަލާ އެކު އެޓީމުގެ ކުޅުން ވަރުގަދަވެގެން ދިޔަތަން ފެނުނެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ 59 ވަނަ މިނިޓުގައި ހުއާން މާޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޔުނައިޓެޑްގެ ގޯލްގެ މަތީކަނަށް ބޯޅަ ވައްދާލައިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހެޒާޑް ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނުމެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ޗެލްސީއިން ޔުނައިޓެޑާ އެއްވަރު ކުރި ލަނޑު ކާމިޔާބުކޮށްދިނީ އޮސްކާ ތަނަވަސްކޮށްދިން ފުރުސަތަކުން ރަމިރޭޒް އެވެ.
ޗެލްސީން ވަނީ ރޭގެ މެޗު ނިމިނިމި އޮއްވާ މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް ބުރަކޮށްލާނޭ ފުރުސަތުތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ހުޝިޔާރު ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ފަހުހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. އެ ގޮތުން އެ ޓީމުން ޔުނައިޓެޑްގެ ގޯލަށް 15 ހަމަލާ ފޮނުވައިލައިގެން 11 ހަމަލާ ގޯލަށް އަމާޒު ކޮށްފައި ވާ އިރު ޔުނައިޓެޑަށް ޗެލްސީގެ ގޯލަށް ދެވިފައިވަނީ ނުވަ ހަމަލާއެވެ. އަދި އޭގެ ތެރެއިން ގޯލަށް އަމާޒުވެފައި ވަނީ ފަސް ހަމަލާއެވެ.
ޗެލްސީ އިން ޔޫރޮޕާ ލީގުގައި ވެސް ވާދަ ކުރަމުން އަންނަ އިރު މި ހަފުތާގައި އެ ޓީމަށް ޔުނައިޓެޑާއެކު މި މެޗުގެ "ރިޕްލޭ" ކުޅެވޭކަށް ނެތެވެ. އެހެންކަމުން މި މެޗުގެ ރިޕްލޭ ކުޅޭނޭ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ކުއާޓާ ފައިނަލްގައި މި ދެ ޓީމު ދެން ކުޅޭން ޖެހޭ މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައެވެ.