ކުޑަ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ މަގާމު އަދާކުރެއްވި އިބްރާހީމް ރަޝީދު (ހޯރައިއްބެ) އެ އަންހެން ކުއްޖާއާ ކައިވެނިކުރައްވައިފި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހޯރައިއްބެ މިއަދު ވިދާޅުވީ އެ އަންހެން ކުއްޖާއާ އޭނާ ކައިވެނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ކައިވެނިކުރީ ކޮން ދުވަހަކު ކަމެއް އަދި ކައިވެނި ރަޖިސްޓްރީ ކުރީ ކޮންތާކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސަންގެ ނޫސްވެރިން ހޯރައިއްބެ ދިރިއުޅުއްވާ ގެއަށް ދިއުމުން އެ އަންހެން ކުއްޖާއާ ބައްދަލުވި އެވެ. އަދި ހޯރައިއްބެ ވިދާޅުވި އެވެ. "އަޅުގަނޑު ކައިވެނިކޮށްފިން، މިހިރީ އެކިޔާ ކުޑަކުއްޖާ،" އޭނާގެ އަނބިމީހާއަށް ނިސްބަތްކޮށް ހޯރައިއްބެ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހޯރައިއްބެ ހައްޔަރުކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ދައުލަތުން ކުރި ދައުވާއާ ގުޅިގެން ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ހޯރައިއްބެ ވަނީ ދައުވާ އަށް އިންކާރުކޮށް ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.