11 Mar 2013, 09:23
ޤާހިރާ (މާޗް 11): އެމެރިކާ އިން މިސްރަށް 190 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި މިސްރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޕްލޭނިންގް މިނިސްޓަރު އަޝްރަފް އަލްޢަރަބީ އެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާގެ ބޭރުގެ ތަރައްޤީއާ ބެހޭ އެޖެންސީގެ ޑައިރެކްޓަރު މެރީ އޯޓް އެވެ. މިސްރުގެ ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިސްރުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލް އާއި ޤާހިރާގައި ހުންނަވާ އެމެރިކާގެ ސަފީރާ އޭން ޕެޓްރިސަން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިނަށް މަޢްލޫމާތު ދެއްވަމުން މިސްރުގެ ޕްލޭނިންގް މިނިސްޓަރު އަޝްރަފް އަލްޢަރަބީ ވިދާޅުވީ އެމެރިކާ އިން ހިލޭ އެހީގެ ގޮތުގައި އެއްބިލިޔަން އެމެރިކާ ޑޮލަރު މިސްރަށް ދިނުމަށް ރައީސް ބަރަކް އޮބާމާވަނީ ނިންމަވާފަ އެވެ. މި އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން 450 މިލިޔަން ޑޮލަރު ދިނުމަށް ހަމަޖެހިފައި ވަނީ ދެފަހަރެއްގެ މަތިންނެވެ. މިއީ މިއެއްބަސްވުމުގެ ދަށުންދޭ ހިލޭ އެހީގެ ފުރަތަމަ ބައިކަމަށް އަޝްރަފް ވިދާޅުވި އެވެ. މީގެ ދެވަނަ ބައި މިއަހަރު ނިމުމުގެކުރިން މިސްރަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ މިއެހީ މިސްރަށް ދިނުމުގެ ކަންތައް މުޅިން ނިމި އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބަށް ކަންތައް ދިޔައީ މިދިޔަ ހަފްތާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިސްރަށްކުރެއްވި ދަތުރުފުޅުގައި މިސްރުގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުގަ އެވެ.
މިސްރުގެ ހީނަރުވެފައިވާ އިޤްތިސާދު ރަނގަނޅު ކުރުމަށް އެގައުމުން ކުރަމުން ގެންދާ މަސައްކަތްތަކަށް މިސްރުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ހިޔަނި އެޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިސްރުގެ އިޤްތިސާދު ހީނަރުވެ ލިބޭ އާމްދަނީއާއި އެކްޕޯޓް ދަށަށް ދިޔުމުގެ ސަބަބުން މިސްރުގެ އިންފްލޭޝަން ރޭޓް މަހުން މަހަށް މައްޗަށްދާ ކަމަށް މިސްރުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އޮފީހުން ބުނެ އެވެ. (މިޑްލްއީސްޓް ނޫސްއެޖެންސީ)