މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މީހަކު ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ ސޯމާ ޝަފީގު އިބްރާހީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ 11:20 އެހާކަންހާއިރު އިންޑިއާ އިން ރާއްޖެ އައި ފްލައިޓަކުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އަށް ޝަފީގު ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާ ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތި އަޅާފައިވާ ދެ ޕެކެޓުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.8314 ގްރާމް އަލްޕްރަޒޮލަމް ހުރިން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.

ފުލުހުން ބުނީ އޭނާ އަކީ ތަފާތު އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.